ދުނިޔެ

އދ. އާއި އދ.ގެ ޗާޓަރަކީ އެމެރިކާއަށް އޮތް ނުރައްކަލެއް: ރަޝިއާ

އދ އާއި އދގެ ޗާޓަރުގެ ސަބަބުން އެމެރިކާގެ އުންމީދުތަކަށް ހުރަސްއެޅޭ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ދުނިޔެއިން އެމެރިކާ ހާސިލުކުރަން އެދޭ އަމާޒުތަކަށް ނުދެވި ހުއްޓެން ޖެހިފައިވަނީ ވެސް އދ އާއި އދގެގެ ޗާޓަރާ ހެދި ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ހޯމަ ދުވަހު އޮތް ޖަލްސާގައެއްގައި ވާހަކަ ދައްކަވަމުން ލަވްރޯފް ވިދާޅުވީ ދުނިޔޭގައި މިހާތަނަށް ހިނގާފައި ހުރި ބޮޑެތި މައްސަލަތައް އުފެދުމުގެ އަސްލަކީ ހުޅަނގުގެ ސިޔާސަތު ކަމަށެވެ.

މީގެތެރޭގައި އެކި ޒަމާނުގައި އުފެދުނު އެއްބާރުލުންތައް -- ގައުމުތައް ގުޅިގެން އުފެއްދި ސެކިޔުރިޓީ ބާރުތައް -- ނޭޓޯއަށް ޓަކައި ގުރުބާންކުރަން ޖެހުން ހިމެނޭ ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

ގައުމުތައް ގުޅިގެން ދުނިޔެ ހިންގުމުގެ ބަދަލުގައި ނޭޓޯއިން ދުނިޔެ ހިންގުން ބޮޑު މައްސަލެއް ގޮތުގައި ލަވްރޯފް ފާހަގަކުރެއްވި އެވެ.

އދގެ ސެކިއުރިޓީ ކައުންސިލްގެ ރައީސްކަން މި މަހު އޮތީ ރަޝިއާ އަށެވެ. ސަލާމަތީ މަޖިލީހުގެ ރައީސް ކަމަކީ މެމްބަރު ގައުމުތަކުގެ މެދުގައި "އޭބީސީޑީ"ގެ ތަރުތީބުން އެނބުރެމުންދާ މަގާމެކެވެ.

ހޯމަ ދުވަހުގެ ޖަސްލާގައި ރިޔާސަތުގައި އިންނެވީ ރަޝިއާގެ ޚާރިޖީ ވަޒީރު ލަވްރޯފް އެވެ.

ލަވްރޯފް ވިދާޅުވީ ދުނިޔޭ ގައުމުތަކުން އެމެރިކާގައި ބުރަކި ޖައްސައި ނުހިފަހައްޓައިފި ނަމަ ވަރަށް ބޮޑެތި ގޯސްތައް ހަދާނެ ކަމަށެވެ.

ދުނިޔޭގެ ތާރީޚް ތެރެއަށް ވަދެވަޑައިގެން ލަވްރޯފް ކިޔައިދެއްވީ ވާހަކައެކެވެ.

ލަވްރޯފް ވިދާޅުވީ އެމެރިކާގެ ރައީސްގެ މަގާމުގައި ޖޯޖް ބުޝް ހުންނެވިއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް -- ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޖޭމްސް ބޭކާ، "އޯގަނައިޒޭޝަން ފޮ ސެކިޔުރިޓީ އެންޑް ކޯއޮޕަރޭޝަން އިން ޔޫރަޕް" (އޯއެސްސީއީ) ގެ ސަބަބުން ނޭޓޯއަށް ނުރައްކާވާނެ ކަމަށް ޖޯޖް ބުޝްއަށް ދެންނެވި ކަމަށެވެ.

އދ. އަކީ އެމެރިކާގެ އަޒުމަށް އޮތް ހުރަހެއް ކަމަށް ދެންނެވީ ވެސް މިފަދަ ހާދިސާތައް ހިނގާފައި ހުރުމުން ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

"އދ. އާ ހެދި އެމެރިކާ އެ އޮތީ ތާށިވެފައި،" ލަވްރޯފް ވިދާޅުވި އެވެ.

"އެމެރިކާގެ އެދުމަކީ އދ. އެކައްޗަކަށް ވެސް ނުހަދައި އެ މީހުންގެ އިސްތިއުމާރީ ބާރުވެރިކަން ދުނިޔެއަށް ފެތުރުން" ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

"އދ.ގެ މެމްބަރުންގެ ގޮތުގައި މިއަދު ތިބި ބައެއް ގައުމުތަކަކަށް އދ. އާއި އދ.ގެ ޗާޓަރު އެކައްޗަކަށް ވެސް ނުވޭ -- އެ މީހުންގެ އެދުމަކީ، އެ ބަޔަކު އެދޭ ގޮތަށް އދ.ގެ ސިޔާސަތު ބަދަލުކުރުން" ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

އދ. އުފެދުމާ އެކު ސިޔާސަތުތަކެއް އެކުލަވާލީ މަސްލަހަތަށް ޓަކައި ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

"މިއިން އެއްވެސް ކަމެއް ހަނދާނުގައި ހުރި ކަމަކަށް އެ ބަޔަކު ނުހަދާ" ލަވްރޯފް ވިދާޅުވި އެވެ.