ރައްޔިތުންގެ މަޖިލިސް

ގަވާއިދާ ހިލާފަށް ވެލި ބޭރުކުރާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ފަރެސްމާތޮޑާއާއި ގުޅިފައިވާ ސަރަހައްދުން ގަވާއިދާ ހިލާފަށް ވެލި ބޭރުކުރާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އެވެ.

މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދުން ނަގާފައިވާ ވެލި، އެ ޕްރޮޖެކްޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45،000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބޭނުންކުރެވިދާނެ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ)ގެ ސިޓީއަކުން ޕްލޭންނިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ހުސައިން ވިދާޅުވީ ފަރެސްމާތޮޑާގެ ފުޓްބޯޅަދަނޑު ރަނގަޅު ފެންވަރެއްގައި ހެދުމަށް ބޭނުންވާ ވެލި އެއާޕޯޓް ޕްރޮޖެކްޓްގެ ތެރެއިން ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު މަޝްވަރާކުރެވުނު ކަމަށެވެ.

ވެލި ނުލިބުމުގެ ސަބަބުން އެ މަސައްކަތްވެސް ނުފެށޭ ކަމަށާއި ފަރެސްމާތޮޑާ ދެކުނު ފަރާތް ހިއްކުމަށްޓަކައި ފަސް ނެގުމަށް ސާވޭގައި ހިމަނާފައިވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ހުސައިން ވިދާޅުވި އެވެ.

"ފަރެސްމާތޮޑާއާއި ގުޅިފައިވާ ސަރަހައްދު ކޮނެގެން 45،000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކަށް ގެންދިއުމަކީ ވަރަށް ޒިންމާދާރުކަންކުޑަ އަދި އެކަމުގެ ސަބަބުން މި ސަރަހައްދުގެ ވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރާނެ،" ކަމެއް ކަމަށް މެންބަރު ހުސައިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

ފުވައްމުލަކަށް ވެލި ގެންދިއުމަށް ފަރެސްމާތޮޑާއާއި ގުޅިފައިވާ އެއްވެސް ހިސާބަކުން ކޮނެގެން ނެގުމަށް އީޕީއޭއިން ހުއްދަދީފައިނުވާ ކަމަށްވެސް ހުސައިން ވިދާޅުވި އެވެ.

ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.