ފަރެސް މާތޮޑާ

ފަރެސްމާތޮޑާ ދާއިރާގެ ބައި-އިލެކްޝަނެއް ނޯންނާނެ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަން ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިހެން ބުނެފައި މިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެފައިވާތީ ހުސައިން ހުވާކުރެއްވުމާ އެކު އެ ގޮނޑި ހުސްވާނެތީ އެ ދާއިރާގެ ބައި އިލެކްޝަން އޮންނާނެތޯ ބައެއް މީހުން ސުވާލުކުރަމުންދާ ވަގުތެއް ގައެވެ.

ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމުގެ ހުވާ ކުރައްވާނީ ކުރިއަށް އޮތް ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ހޮވޭ މެންބަރުން ހުވާކުރައްވަންދެން އެ ގޮނޑި ހުންނާނީ ހުސްކޮށެވެ.

ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވަނީ މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑި އަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ. ނަމަވެސް މެންބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު އޮތީ ހަ މަސް ނުވަތަ އެއަށްރެ ކުރު މުއްދަތެއްނަމަ އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރާކަށް ނުޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު އެވެ. ރަސްމީ ތާރީހް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.