ދުނިޔެ

އެންމެ ރަނގަޅު ގޮތަކީ އދ. ގެ ހެޑްކުއާޓަރު ނިއުޔޯކުން ބޭރުކުރުން: ލަވްރޯފް

ދުނިޔެއަށް މަސްލަހަތު އެންމެ ހެޔޮ ގޮތަކަށް ވާނީ -- ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވި ގޮތުގައި، އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ ހެޑްކުއާޓަރު -- އެހެން ގައުމަކަށް ބަދަލުކުރުމެވެ.

ލަވްރޯފް މިހެން ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލްގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގަތުމަށް ހޯމަ ދުވަހު ނިއުޔޯކަށް އެ މަނިކުފާން ކުރެއްވި ދަތުރުގައި ބައިވެރިވި ރަޝިއާގެ ނޫސްވެރިންނަށް އެމެރިކާއިން ވިސާ ނުދިނުމާ ގުޅިގެންނެވެ.

ނިއުޔޯކުގައި ނޫސްވެރިން ލަވްރޯފްއާ ސުވާލުކުރީ ރަޝިއާގެ ނޫސްވެރިން އެމެރިކާއަށް އެތެރެވުމަށް ވިސާ ނުދިން މައްސަލާގައި ރަޝިއާގެ ވިސްނުމަކީ ކޮބައިތޯ އެވެ.

ޖަވާބުގައި ލަވްރޯފް ވިދާޅުވީ ނޫސްވެރިން އެރުން މަނާ ބިމެއްގައި އދ.ގެ ހެޑްކުއާޓަރު ހުރުމަކީ އދ. އަށް ވެސް ލަދުވެތި ކަމަކަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިން ދެން ލަވްރޯފްއާ ސުވާލުކުރީ އދ. މެދުވެރިވެގެން ހިންގާ ޔުކްރޭންގެ ގޮވާން ޑީލާ ބެހޭ ގޮތުންނެވެ. މި ސުވާލަށް އެ މަނިކުފާން އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ. އަދި އެހެން ނޫސްވެރިއަކުން ހަޅޭއްލަވާ އަޑުން މި ސުވާލު ތަކުރާރު ކުރުމުން -- ހަޅޭއްލެވުމުން ޖަވާބެއް ލިބޭނެތޯ ލަވްރޯފް ސުވާޅު ކުރެއްވި އެވެ.

އދ.ގެ ހެޑްކުއާޓަރު މިހާރު އެ ހުރީ އެހެން ގައުމަކަށް ބަދަލުކުރަން ޖެހިފައި ކަމަށް ރަޝިއާ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯވް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އދ.ގެ ހެޑްކުއާޓަރު އެމެރިކާއިން ބޭރުކުރަން އެދެނީ ރަޝިއާ އެކަނި ނޫން ކަމަށާއި އެއީ މުޅި ދުނިޔެއަށް ވެސް ބޮޑު ފަސޭހައަކަށް ވާނެ ކަމެއް ކަމަށެވެ.

އދ.ގެ ޖަސްލާތަކަށް ނިއުޔޯކަށް ދާ އެހެން ގައުމުތަކުގެ އޮފިޝަލުންނަށާއި ނޫސްވެރިންނަށް ވިސާ ދިނުމަށް އެމެރިކާ އަބަދުވެސް ދަތިކުރެ އެވެ. އެމެރިކާއާ ފިކުރީ ގޮތުން ޚިޔާލު ތަފާތު ގައުމުތަކާ މެދު އެމެރިކާ ދެކެނީ ބޭކާރު ބައެއް ގޮތަށެވެ.

އދ.ގެ ހެޑްކުއާޓަރު އެމެރިކާގެ ނިއުޔޯކުގައު ބިނާކުރުމުގެ ކުރިން -- އެ އިދާރާއަށް ބޭނުންވާ ބިން އދ.އަށް ދިންއިރު އެމެރިކާއާ އެކު ވެފައި އޮތް އެއްބަސްވުމުގައި، އދ.ގެ ބޭނުމަކަށް އެމެރިކާއަށް އަރާ އެއްވެސް މީހަކަށް ދަތިކޮށްގެން ނުވާނެ ކަމަށް ބުނެފައި އޮވެ އެވެ. އެކަމކު މިއީ މިހާރު އަމަލުކުރެވޭ މާއްދާއެއް ކަމަކަށް ނުވެ އެވެ.