ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން އަންގައިފި

ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ހަދައި ރަޖިސްޓްރީކުރަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ކުރިން މިފަދަ ތަންތަން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.

ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން އެންގީ "ރައްކާތެރި ގޮތުގައި ކާބޯތަކެތި ގެންގުޅުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ގުދަންކުރުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑު"ގެ ދަށުންނެވެ.

ކާޑުގެ ބާވަތްތައް ގުދަންކުރާ ތަންތަން ރަޖިސްޓްރީކުރަން އަންގާފައި މިވަނީ ބައެއް ފަރާތްތަކުން އެއްވެސް އުސޫލެއް ނެތި ކާޑުގެ ބާވަތްތައް ގުދަން ކުރުން އާންމުވަމުން ދަނިކޮށެވެ.

މާބޮޑު ރައްކާތެރިކަމެއް ނެތި ކާޑުގެ ބާވަތްތައް ގުދަންކުރުމުން ބައެއް ފަހަރު އެފަދަ ބާވަތްތަކުގައި ފަނި އަޅައި އާންމު ސިއްހަތަށް ގެއްލުންވާ ފަހަރު އާދެ އެވެ.