ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތައް ފެބްރުއަރީގެ ކުރިން ރަޖިސްޓްރީވާން އަންގައިފި

ކާބޯތަކެތީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ތަންތަނުން އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި ރަޖިސްޓްރީވާން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ އަލަށް ތައާރަފުކުރި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީގައި ނުވަތަ އެހެން އިދާރާއެއްގައިވެސް ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ލައިސެންސް އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުގެ ތެރެއިން އަލަށް ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ހޮޓާ، ކެފޭ ނުވަތަ ރެސްޓޯރަންޓް ފަދަ ތަންތަނުން ހިދުމަތަށް އެދި ހުށަހަޅާނީ "ވަންގަވް" މެދުވެރިކޮށް ކަމަށްވެސް އިއުލާނުގައިވެ އެވެ.

އެމްއެފްޑީއޭއިން ބުނީ ކާބޯތަކެއްޗާއި ކާބޯތަކެތި އުފައްދާ ތަންތަން ރަޖިސްޓްރީކުރުމާއި، އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ދަފްތަރުކުރުން އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަދި ތަންތަނަށް ލައިސެންސް ދޫކުރުމާއި ރަޖިސްޓާކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ކުރިން އާންމުކޮށްފަ އެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓްރީކޮށް، ލައިސެންސް ދޫކުރާނީ އެމްއެފްޑީއޭއިން އެ ތަންތަން ބަލައި ފާސްކުރުމަށްފަހު މިންގަނޑަށް ފެތޭ ތަންތަނަށެވެ. އަދި ލައިސަންސް ދޫކުރާ ފަރާތްތަކުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަނަށް، އެކްސްޕޯޓް ކުރާ ކާރުހާނާތަކަށް ލައިސެންސް ދޫކުރަނީ ހަމަސް ދުވަހަށެވެ. އެހެން ފަރާތްތަކަށް ލައިސެންްސް ދޫކުރަނީ އެއް އަހަރަށެވެ.

ގަވާއިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްތައް ދިނުމަށް ހިންގާ ވަގުތީ މާރުކޭޓުތަކާއި، އުޅަނދުތަކާއި، ސްޓޭންޑްތައް ރަޖިސްޓާ ކުރާކަށް ނުޖެހެ އެވެ. ނަމަވެސް އެތަންތަންވެސް ހިންގަން ޖެހޭނީ އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.