ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ބިދޭސީންނަށް ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ ތަނެއް ބަންދުކޮށް ގަވާއިދާ ހިލާފަށް އުޅުނު ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުން އަންނަ ތަނެއް ކަމަށް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ކަންބޮޑުވުމަކާއި ގުޅިގެން ހުޅުމާލެއިން ގަރާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިތަނުގެ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯގައި ފެންނަނީ އެއްވެސް ސާފުތާހިރު ކަމެއްނެތި އެ ތަނުގެ ތެރޭގައި ކާނާ ތައްޔާރު ކުރާ މަންޒަރެވެ.
ހުޅުމާލޭ ސައިމާ ހިނގުމުގައި ހުންނަ އޮޓޯ ކެއާ ގަރާޖާ ޖެހިގެން އޮންނަ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ތަނެއްގައި މީހުން ކާބޯތަކެތި ތައްޔާރުކޮށް އެތަނުގެ ތެރޭގައި ކާން ތިބޭ ތަނާއި އެތަނުން އެކި ތަންތަނަށް ޑެލިވަރީގެ މަސައްކަތް ކުރާތީ ފެނެ އެވެ.
ސާފުތާހިރުކަން ކުޑަކޮށް ހިންގަމުން ދިޔަ ތަނުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެތަން ބަންދުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު އެތަނުގައި ނޯޓިސް ހަރުކޮށްފައިވާ ކަމަށް އިދާރާތަކުން ބުނެ އެވެ.
ހުޅުމާލޭގެ ސިނާއީ ސަރަހައްދަކީ ގަރާޖުތަކާއި ވޯކްޝޮޕްތަކާއި ގުދަން ފަދަ ސިނާއީ މަސައްކަތް ކުރުމަށް ދޫކޮށްފައި އޮންނަ ސަރަހައްދެކެވެ.