ހަބަރު

ހަކަތައާ ބެހޭ މުޅިން އާ ގާނޫނެއް ޑްރާފްޓުކުރަނީ

ހަކަތައާ ބެހޭ ގާނޫނެއް ޑްރާފްޓުކުރުމަށް ކޮންސަލްޓެންޓުން ހޯދުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީ އިން ފަށައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ހަކަތައާއި ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި، ގާނޫނެއް ޑްރާފްޓުކުރުމަށް އިލްމީ ތަޖުރިބާކާރުންގެ ލަފާ އެ މިނިސްޓްރީއަށް ބޭނުންވެފައިވާ ކަމަށެވެ. މަސައްކަތުގެ ގާބިލުކަން ހުރި ފަރާތްތަކުން ވީހާވެސް އަވަހަށް މިނިސްޓްރީއަށް ޕްރޮޕޯސަލް ފޮނުވުމަށް އެދޭ ކަމަށެވެ.

ހަކަތައާއި ބެހޭ ގާނޫނު ޑްރާފްޓުކުރަން ކޮންސަލްޓެންޓުން ފައިނަލް ކުރާނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ، އިލްމީ ފެންވަރު ވަޒަންކުރުމާ އެކު ހަކަތަ ރެގިއުލޭޓްކުރުމާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި، ހަކަތައިގެ ދާއިރާއިން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ވަޒަންކުރުމަށްފަހު ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން، ކޮންސަލްޓެންޓުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުންފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ޑްރާފްޓް ތައްޔާރުކޮށް ނިންމަންޖެހޭނެ އެވެ. އަދި ޑްރާފްޓު ތައްޔާރުކުރަން ވާނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ.

ކޮންސަލްޓެންޓުންގެ ޓީމުގައި ހިމެނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގަ އެވެ.