ދުނިޔެ

އުރުދުޣާންގެ ސިއްހަތާ މެދު ދުނިޔެ ހާސްކަމެއްގައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ލައިވް ޓީވީ އިންޓަވިއުއެއް ކުއްލި ގޮތަކަށް މެދުކަނޑާލެއްވުމުން އެ މަނިކުފާންގެ ސިއްހަތާ މެދު ދުނިޔެ ވަރަށް ބޮޑަށް ސަމާލުވެއްޖެ އެވެ.

އުރުދުޣާންއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން އިންޓަވިއު ކުއްލި ގޮތަކަށް މެދުކަނޑާލަން ޖެހިވަޑައިތަކީ ބަނޑުދިޔާވެގެންނެވެ. އެއީ މި ހަފުތާގެ ކުރީކޮޅު -- ހޯމަ ދުވަހާއި އަންގާރަ ދުވަހު ކެމްޕެއިންގެ މަސައްކަތްތަކުގައި މާބުރަކޮށް އުޅުއްވަން ޖެހިވަޑައި ގަތުމުން ކަމަށް އުރުދުޣާން ވިދާޅުވި ކަމަށް އޮފިޝަލުން ބުނެ އެވެ.

އުރުދުޣަން މި އިންޓަވިއު ފެއްޓެވީ ވެސް ކުރިން ހަމަޖައްސާފައި އޮތް ގަޑިއަށް ވުރެ ދޮޅުގަޑިއިރު ފަހުންނެވެ. އަދި އިންޓަވިއު ފެށިގެން 10 މިނެއްޓެއްހާއިރު ފަހުން ޓެލެކާސްޓް އެހެން ދިމާއަކަށް އަނބުރާލައި އިންޓަވިއު ކުއްލި ގޮތަކަށް މަޑުޖައްސާލި އެވެ.

އޭގެ 15 ވަރަކަށް މިނެޓް ފަހުން އުފުދުޣާން އެނބުރި ވަޑައިގެން ވަރަށް ބޮޑަށް މާފަށް އެދިވަޑައިގެންނެވި އެވެ. އަދި މާބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ބަނޑުގެ އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

އެއަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި އިންޓަވިއު ކުރިއަށް ނުގެންދާ ގޮތަށް ހަމަޖެއްސި އެވެ.

އުރުދުޣާން ވަޑައިގަންނަވާ ގޮތަށް އެ ދުވަހު އޮތް އެހެން ބައްދަލުވުންތައް -- ކެމްޕޭން ބައްދަލުވުންތައް ވެސް ވަނީ ކުއްލި ގޮތަކަށް މަޑުޖައްސުވާފަ އެވެ. އަދި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ގޭގައި އަރާމުކުރައްވާނީ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އަކީ މީގެ ކުރިން -- 2012 ގައި ބަނޑުގެ އާލާސްކަންފުޅެއްގައި ސާޖަރީއެއް ހައްދަވާފައިވާ ބޭފުޅެކެވެ. އެ ނޫން ސިއްހީ މައްސަލައަކަށް މިއިން ޒަމާނަކުވެސް އުރުދުޣާން ފަރުވާކުރެއްވި ކަމަކަށް ޚަބަރުތަކަކަށް ނާރަ އެވެ.

އުރުދުޣާން، 69، އަކީ ވަރަށް މުރާލި ހީވާގި ލީޑަރެއް ގޮތުގައި މަޝްހޫރު ބޭފުޅެކެވެ.

އުރުދުޣާންއަށް ދިމާވި އާލާސްކަންފުޅު އެހެން ގޮތަކަށް ތަރުޖަމާކޮށް އެ މަނިކުފާނަށް ހާޓްއެޓޭކެއް ޖެހިވަޑައިގެންނެވި ކަމަށް ނޫސްތަކުގައި ވަނީ ލިޔެފަ އެވެ. އެކަމަކު މި ކަމަށް ބާރުދޭ އެއްވެސް ހެއްކެއް އެ ލިޔުނު ބައެއްގެ އަތުގައި އޮތް ކަމަކަށް ނުވެ އެވެ.

ތުރުކީގައި މެއި 14 ގައި އޮންނަ އާންމު އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށް ބުނެވެ އެވެ. ރައީސް ކަމުގެ ތިންވަނަ ދައުރަކަށް ނުކުމެވަޑައިގެން އުރުދުޣާން ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު -- ގައުމުގެ އެތެރެ އާއި ބޭރުން އެ މަނިކުފާނަށް އޮތް ޕްރެޝަރު ވަރަށް ބޮޑެވެ.

އުރުދުޣާން ތުރުކީގެ ރައީސްގެ މަގާމަށް އެންމެ ފުރަތަމަ އިންތިޚާބުވެ ވަޑައިގަތީ އޯގަސްޓް 28، 2014 އެވެ.