ދުނިޔެ

ތުރުކީ ބަދަލަކަށް ބޭނުންވެފައި އޮތްކަން ގަބޫލުކުރަން: އުރުދުޣާން

ތުރުކީގައި އާދީއްތަ ދުވަހު އޮތް ލޯކަލް އިންތިހާބުގައި އޭނާގެ ޕާޓީ -- ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އަށް އެކަށީގެންވާ ނަތީޖާއެއް ނުހޯދުނު ކަމަށް އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވީ ގައުމުގެ މިސްރާބު އޮތީ ބޮޑު ބަދަލަކަށް ބޭނުވެފައިކަން އެނގިވަޑައިގެންފި ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާނެކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ.

އުރުދުޣާންގެ އޭކޭޕީ ޕާޓީގެ މައްޗަށް ކާމިޔާބު ހޯދައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ވަނީ ތުރުކީގެ ބޮޑެތި ސިޓީތަކުގައި ބާރުގަދަކޮށްފަ އެވެ. މީގެ ކުރިން އޭކޭޕީއަށް ތާއީދު އޮންނަ ބައެއް ސިޓީތައްވެސް މިފަހަރު އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ތުރުކީގައި އިއްޔެ އޮތް އިންތިހާބުގައި ވޯޓު ގުނައި ނިމުމަކާ ކައިރިވެފައިވާއިރު އުރުދުޣާންއަށް އަޣުލަބިއްޔަތު ގެއްލިފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

މިއީ އުރުދުޣާންގެ ދިގު ސިޔާސީ ހަޔާތުގައި އަދި ހާއްސަކޮށް ފާއިތުވި 10 އަހަރު ތެރޭގައި އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.

ތުރުކީ ގޮވައިގެން ޒަމާނީ ސިނާއަތްތަކަށް މިސްރާބު ޖައްސަވާފައި ވަނިކޮށް އުރުދުޣާންއަށް ލިބިވަޑައިގެންނެވި މި ނާކާމިޔާބީގެ ސަބަބުން ގައުމުގެ ސިޔާސަތާ މެދު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވަން އޭނާއަށް ޖެހިވަޑައިގަންނަވާނެ އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާންކުރަމުން ދިޔައިރު އޭކޭޕީ އޮފީހުގައި އިންނަވައި އުރުދުޣާން ވިދާޅުވީ ބޯހަރުކަމާއި ގޮތްދޫކުރެއްވުމުގައި ދެމިނުހުންނަވާނެ ކަމަށެެވެ. ރައްޔިތުގެން ޝުއޫރުތަކަށް އިހުތިރާމާ އެކު އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ރައްޔިތުންގެ ބާރުތަކަށް -- ރައްޔިތުން އިންތިހާބުކުރި ވެރިންނަށް ހުރަސްނާޅުއްވާނެ ކަމަށެވެ. އެ ބޭފުޅުންނަަށް އެ ބޭފުޅުންގެ ޒިންމާ އެންމެ ހެޔޮ ގޮތުގައި އަދި ރައްޔިތުންނަށް ލާބަ އޮތް އެންމެހައި ކަމެއްގައި، އަދާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާލުން ދެއްވާނެ ކަަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މި ހިސާބުން އޭކޭޕީގެ ޒަމާން ދިޔައީއެއް ނޫނެވެ. ރައްޔިތުން ބަދަލަށް ބޭނުންވުމަކީ ދެމި އޮތް ސަރުކާރަށް ޕްރެޝަރަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އުރުދުޣާންގެ އޭކޭޕީ އާއި އިދިކޮޅު ސީއެޗްޕީގެ ތަފާތަކީ -- އުރުދުޣާން އަކީ އިސްލާމީ ވިސްނުމުގައި ގައުމުގެ ހިންގެވުން ބައްޓަންކުރައްވާ ލީޑަރަކެވެ. އިދިކޮޅު ސީއެޗްޕީ އަކީ ބުނެވޭ ގޮތުގައި ވަކި ދީނަކަށް އިސްކަން އޮންނަ އުސޫލު ގަބޫލުކުރާ ޕާޓީއެއް ނޫނެވެ.