މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ބަލައިގަތީ 42 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރު އިންނެވި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ.
ގާނޫނުގެ ހަތަރު ވަނަ ބާބު އުވާލުމަށް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. ގާނޫނުގެ ހަތަރު ވަނަ ބާބަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އަދި މޯލްޑިވްސް ސްޕޯޓްސް ޗެނަލްއާ ގުޅޭ ބާބެވެ.
މީގެ އިތުރުންވެސް ގާނޫނަށް އިތުރު އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ.
ގާނޫނުގެ ބޭނުމަށް މިހާރު ކުޅިވަރު ބަހާފައިވަނީ ތިން ބަޔަކަށެވެ. އެއީ ޓީމެއްގެ ސިފައިގައި ވާދަކުރާ ކުޅިވަރުތަކާއި ވަކިވަކި ފަރުދުންގެ ގޮތުގައި ވާދަކުރާ ކުޅިވަރުތަކުގެ އިތުރުން ކުޅިވަރުގެ ތެރޭގައި ހިމެނޭ ސަގާފީ ހަރަކާތްތަކެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ކުޅިވަރު ތެރޭގައި ހިމެނޭ ސަގާފީ ހަރަކާތްތައް އުނިކުރަން ހިމަނާފަ އެވެ.
މީގެ އިތުރުން ގިންތިތަކެއް ކަނޑައަޅައި އެ ގިންތީގެ ކުޅިވަރު ޖަމްއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ ގޮތަށް އިސްލާހުގައިވެ އެވެ.
މީގެ ތެރޭގައި ހިމެނެނީ ގައުމީ ކުޅިވަރު ފެޑަރޭޝަންތަކާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރަހައްދީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރު ކްލަބްތަކާއި ކުޅިވަރު އެކަޑަމީތަކެވެ.
ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް އިސްލާހު ހުށަހަޅާފައިވާއިރު، ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނި، ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ކުޅިވަރު ޕްރޮމޯޓް ކުރުމަށް އިސްކަންދީގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދެވި ކުންފުންޏެވެ.