ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނިކޮށް އެ މައްސަލައަށް ހައްލެއް ހޯދައިނުދީ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު މަޖިލިސް މިއަދު ޗުއްޓީއަށް ގޮސްފައިވާތީ ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ ދެ ހަފްތާ ފަހުންނެވެ.
މަޖިލިސް ޗުއްޓީ ދިއުމުގެ މާކުރިން -- މީގެ މަހެއްހާ ދުވަސް ކުރިން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވަނީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.
ސަރުކާރުގެ ފަރާތުން ރާޝިދު މަޖިލީހަށް މިހާރު އިސްލާހު ހުށަހަޅުއްވާފައިވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭ ގޮތަށެވެ.
މަޖިލިސް މިއަދު ޗުއްޓީއަށް ދިޔައީ ކޮތަޅު ފީގެ މައްސަލަ ހައްލުކޮށްފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދިއުމަށް އެމްޑީޕީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދަންނަވާފައި ވަނިކޮށެވެ. ނަމަވެސް ނަޝީދު މިއަދު ވިދާޅުވީ ސަރުކާރުން ބޭނުންހާ ގޮތަކަށް މަޖިލީހުގައި ބިލްތަކަކަށް ވޯޓަށް ނޭހޭނެ ކަމަށެވެ. އަދި ކޮތަޅު ފީގެ ބަހުސް ކުރުކުރަން ބައެއް މެންބަރުން އުޅުއްވުމުން އެގޮތަށް އަމަލުނުކުރެއްވުމަށްވެސް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި އެވެ.
ކޮތަޅު ފީގެ މައްސަލަ ހައްލުނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް މެންބަރުން ގެންދަވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވީ ކޮތަޅު ފީގެ މައްސަލައަށް މަޖިލީހުގެ ތެރެއިން ހައްލު ހޯދުމަށް ކުރި މަސައްކަތަކަށް ރައީސް ނަޝީދު ހުރަސް އެޅުއްވީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.