މާލޭ ސިޓީ ކައުންސިލް

މާލޭގައި އުޅޭ 1000 ބުޅާ ނުވިހާ ގޮތް ހަދަނީ

މާލޭގައި އުޅޭ ބުޅާ ތަކުގެ ތެރެއިން 1،000 ބުޅާ ނުވިހާ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމަށް މިކަމާ ގުޅޭ ޕްރޮޕޯސަލެއް ހުށަހެޅިއިރު ޕްރޮޕޯސަލްގައި ވަނީ ބުޅާތައް ނުވިހާ ގޮތް ހެދުމަށް ތިންމަސް ދުވަހުގެ ޕްރޮގްރާމެއް ހިންގުމަށް ހުށަހަޅާފަ އެވެ.

މާލޭގައި ގިނަވެގެން އުޅޭ ބުޅާތައް ބޭތިއްބުމަށް "ކެޓް ފެސިލިޓީ"އެއް ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް މާލެ ސިޓީ ކައުންސިލުން މީގެކުރިން ދެ ފަހަރަށް ހުޅުވާލި އެވެ. ނަމަވެސް ބަޔަކު ނުވުމުން ތިންވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން މިފަދަ ފެސިލިޓީއެއް ހެދުމަށް ބަޔަކު މިހާރު ލިބިފައިވާ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

ބުޅާތައް ނުވިހާ ގޮތް ހެދުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފެށީ ކަމާ ގުޅޭ ޖަމިއްޔާތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ބުޅާ ނުވިހާ ގޮތް ހެދުމަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޕްރޮޕޯސަލްގައި ލަފާކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް ބުޅަލަކަށް 1،200 ރުފިޔާ އެވެ.

މާލޭގެ ކުރީގެ ނީލަން ފިހާރަ ހުރި ސަރަހައްދުގައި ވަގުތީ ފެސިލިޓީއެއް ގާއިމުކޮށް އެތަނުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވެސް ކައުންސިލުން މިހާރު ވަނީ ޕްލޭންތަކެއް ކޮށްފަ އެވެ. ނަމަވެސް ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމަށް ހުށަހެޅުނު ޕްރޮޕޯސަލްގައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައެއް ނުވެ އެވެ.