ދުނިޔެ

އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަށް ތާލިބާނުން މަރުހަބާ ކިޔައިފި

އަފްޣާނިސްތާނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ގިނަ ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ދާދި ފަހުން ފާސްކުރި ގަރާރެއްގައި ބުނެފި އެވެ.

ތާލިބާނުންނާ އެއްކޮޅަށް އދ.އިން ފާސްކުރި މި ގަރާރު -- އަފްޣާނިސްތާންގައި މިހާރު އޮތް ތާލިބާނުންގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފަ އެވެ.

އދ.ގެ ގަރާރާ މެދު ތާލިބާނުން ހިތްހަމަޖެހި އުފާފާޅުކުރަމުން ގެންދާ އެންމެ ބޮޑު ސަބަބަކީ، އަފްޣާނިސްތާންގައި އަންހެނުން މަސައްކަތްކުރުން މަނާކުރުމަކީ އެ މީހުންގެ [ތާލިބާނުންގެ] އަމިއްލަ އިޖުތިމާއީ ސަބަބެއް ކަމަށް ބުނެފައި އޮތުމެވެ.

އިޖުތިމާއީ މަސައްކަތްތަކުގައި އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ހަރަކާތްތެރިވެ އުޅުމަކީ އަފްޣާނިސްތާންގައި މަނާ ކަމެކެވެ.

ތާލިބާނުން ބުނާ ގޮތުން އދ. އިން ފާސްކުރި ގަރާރުގެ ބައެއް ބައިތައް އޮތީ ވަރަށް ފައްކާކޮށެވެ. އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އދ.ގެ ގުނަވަންތަކުން ނެރޭ މިފަދަ ގަރާރުތަކުގައި އަފްޣާނިސްތާންގެ ސިޔާދަތަށާއި މިނިވަންކަމަށް އަދި ސަރަހައްދީ އެއްބައިވަންތަ ކަމަށާއި ގައުމީ އެއްބައިވަންތަ ކަމަށް އަހަންމިއްޔަތުކަން ދޭ ނަމަ އދ.އަށް އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމަށްވެސް އަފްޣާނިސްތާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަފްޣާނިސްތާންގެ މައްޗަށް ނުފޫޒުގަދަ ބާރުތަކުގެ ޕްރެޝަރު އޮތުމަކީ ގައުމީ މަސްލަހަތު ގެއްލޭ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާން އަބްދުލް ގަހާރު ބަލްޚީ ވިދާޅުވި އެވެ.

އދ. އިން އަފްޣާނިސްތާނަށް އަޅާފައި ހުރި ދަތިކުރުންތައް މިހާރުން މިހާރަށް ނައްތާލަން ޖެހޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި އަފްޣާނިސްތާންގައި ގައުމެއްގެ ސިފަ ޖެހި ހިންގައި ނުގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްޣާނިސްތާންގެ ކަނބަލުން ހިމާޔަތްކުރުމަކީ އަފްޣާނިސްތާނަށް އޮތް ވާޖިބެއް ކަމަށާއި އެއީ އެހެން ގައުމެއްގައި ހިނގާ އެއްވެސް ކަމަކަށް އޮތް ހުރަހެއް، ނުރައްކަލެއް ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

އަފްޣާނިސްތާންގެ ކަނބަލުންނަށް ރަނގަޅު ގޮތް އިޚުތިޔާރުކުރާނީ އަފްޣާނިސްތާނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ.ގެ ގަރާރު ބުނާ ގޮތުން އަފްޣާނިސްތާންގެ އަންހެނުންނަށާއި އަންހެން ކުދިންނަށް އދ.ގެ އޭޖެންސީތަކުގައި މަސައްކަތް ކުރެވެން ޖެހޭނެ އެވެ.