ދިވެހިރާއްޖޭގެ ސަރަހައްދީ އިން ފުރަތަމަ ފަހަރަށް ކަނޑައެޅި ރާއްޖޭގެ ދެކުނުގެ މަސް ކަނޑުތައް ހިމާޔަތްކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މަސް ކަނޑުތައް ހިމާޔަތްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހުސައިން މިހެން ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ވަކިކުރުމުގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވެފައިވާ މައްސަލަ ބަލައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އެ މައްސަލަ އިއްޔެ ނިންމާފައި ވަނިކޮށެވެ.
އިޓްލޮސް އިން މައްސަލަ ނިންމީ ދިވެހި ސަރުކާރުން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.
އިޓްލޮސްގެ ނިންމުމާ ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ހުސައިން ވިދާޅުވީ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަރަހައްދީ އިން ވަކިވެގެން ދިއުމަކީ ރާއްޖެއިން ހޯދި ތާރީހީ މޮޅެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ދެކުނުން ކުރީގައި ރާއްޖެއަށް ބާރު ފޯރުވެނީ 12 މޭލުގެ ސަރަހައްދަކަށް ކަމަށާއި އޭގެ ބޭރުން ބަޔަކު ގާނޫނާ ހިލާފަށް ކޮންމެ ކަމެއް ކުރި ނަމަވެސް އެކަން ހުއްޓުވޭނެ ގޮތެއް ދިވެހި ސަރުކާރަށް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ކަނޑައެޅުމާ ގުޅިގެން 200 މޭލުގެ ސަރަހައްދެއް މިހާރު ރާއްޖެއަށް ލިބިފައިވާތީ ކުރިން ގާނޫނާއި ގަވައިދާ ހިލާފަށް ބައެއް ފަރާތްތަކުން މަސްވެރިކަން ކުރި ސަރަހައްދު ބަލަހައްޓައި ހިމާޔަތް ކުރުމުގެ ބާރު ދިވެހި ސަރުކާރަށް ލިބޭނެ ކަމަށެވެ.
"[އަލަށް އިން ވަކިކުރި] ސަރަހައްދުގެ މާކަނޑުތަކުގައި މީގެކުރިން މަސްވެރިކަން ކުރިނަމަވެސް [ފިޔަވަޅު އަޅަން] ހައްގެއް ނެތް. އިން ކަނޑައެޅިފައި ނެތުމާއެކު، އެމީހުން ބޭރަށް ޖެއްސޭނެ ގޮތެއްވެސް އޭރަކު ނެތް. މިނިންމުމާއެކު ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ފަސޭހަތަކެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސައިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ގާތުން ކޮންމެ ބަޔަކު ގާނޫނާ ހިލާފަށް މަސްވެރިކަން ކުރި ނަމަވެސް ރާއްޖެއަށް އެކަމުގެ ގެއްލުން އޭރުވެސް އަދި ފަހުންވެސް ކުރާނެ ކަމަށެވެ. އެކަމަކު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރެވުނު ސަރަހައްދަކީ ރައްކާތެރި އަދި ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމުގެ ހުށަހެޅުމެއް މޮރިޝަސްގައި އޮތް ކަމުގައިވެސް ވިދާޅުވި އެވެ. އެގޮތަށް އެކަން ކޮށްފިނަމަ އެއީ ދިވެހިންނަށް ރަނގަޅު ގޮތެއް ކަމުގައިވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ދެކުނުން އިން ވަކި ނުކޮށް އޮތުމުން އެ ސަރަހައްދު ބެލެހެއްޓުން އޮތީ ގޮންޖެހުމަކަށް ވެފައި ކަމަށެވެ. ނަމަވެސް އިޓްލޮސްގެ ނިންމުމާ އެކު ރާއްޖޭގެ ދެކުނު ބެލެހެއްޓުން ވަރުގަދަކޮށް މަސްކަނޑުތައް ހިމާޔަތްކުރަން މަސައްކަތް ކުރާނެ ކަމަށެވެ.