ޗާގޯސް އާކިޕެލާގޯ

ކަނޑު ވިއްކުމާ ދެކޮޅު ޕެޓިޝަންގައި ސޮއިކުރަން ފަށައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މިހަރަކާތް މިއަދު ރަސްމީކޮށް ފެށީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓް ކުރިމަތިންނެވެ. އެ ސަރަހައްދުގައި ޕެޓިޝަންގައި ސޮއިކުރަން ފެށުމުގެ ގޮތުން ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގެ އިސް ބޭފުޅުން ވަނީ ސޮއިކުރައްވާފަ އެވެ. އޭގެފަހުން ބައެއް އާންމުންވެސް ގެންދަނީ ޕެޓިޝަންްގައި ސޮއިކުރަމުންނެވެ.

ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި އޮތީ ދިވެހި ސަރުކާރުން ދޫކޮށްލި 45،000 އަކަކިލޯމީޓަރުގެ ސަރަހައްދަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށްވާތީ އެކަން ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ވާހަކަ އެވެ.

މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއި ކުރުމަށް މިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވަނީ އެދިފަ އެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުން ވަނީ ކުރިއަށް އޮތް ޖޫން މަހުގެ ދެވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއްވެސް ބާއްވަން ނިންމާފަ އެވެ.

ކަނޑުވިއްކުމާ ދެކޮޅު އިއްތިހާދުގައި ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ އަދި ކުރީގެ ދެ ވަޒީރުން ކަމަށްވާ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގެ ބޭފުޅުން ހިމެނެ އެވެ. މީގެއިތުރުން މި އިއްތިހާދުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް އަލީ ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް އެ ޕާޓީން ބުނެ އެވެ.

އިޓްލޮސް އިން މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު ބަހާލި ގޮތެވެ.