ސުޕްރީމް ކޯޓް

ނަޝީދުގެ ޝަރީއަތް ހިންގީ ރަނގަޅަށްތޯ ސުޕްރީމް ކޯޓުން ކަަށަވަރު ކޮށްދޭން އެދެފި

ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އިންސާފިވެރިކޮށް ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބަލަން ނިމުމުން، އެ ނިންމުން ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ސްޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމާފަ އެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހަތަރު ނުކުތާއެއް ހުށަހަޅާފަ އެވެ. އެއީ ހައިކޯޓަށް ވެސް ދައުލަތުން ހުށަހެޅި ނުކުތާތަކެވެ. 

ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ނުކުތާތައް:

  • ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ދިޔަ ޖަވާބުދާރީވެ، މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަން ކަށަވަރުކޮށްދިނުން
  • ރައީސް ނަޝީދު އެދިލައްވާ ވަކީލުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން
  • ރައީސް ނަޝީދުގެ މައްސަލަ ބެލި ކޯޓާއި ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުކޮށްދިނުން
  • ދައުވާ ހުށަހަޅާ ފަރާތުން ހުށަހަޅާ ހެއްކާއި ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން

ނުކުތާތައް ހުށަހަޅުއްވަމުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ހިޝާމް ވިދާޅުވީ، ރައީސް ނަޝީދުގެ ޝަރީއަތް ހިނގާފަިއވަނީ އިންސާފވެރިކަމާއެކު ކަމަށާއި އެމަނިކުފާނަށް އެކަށީގެންވާ ވަގުތު ވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުށަހެޅި ލިޔެކިޔުންތަކާއި ހެކިތައް ނޫން އިތުރު ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަނާލާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ހުށަހެޅާ ލިޔެކިޔުންތައް ލިބިފައިވާތާ ތިން އަހަރު ދުވަސް ވެފައިވާ މައްސަލައެއްގައި ޖަވާބުދާރީވުމަށް ވަގުތު ނުލިބޭކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ވަކީލް ހިޝާމް ވިދާޅުވީ، ނަޝީދުގެ މައްސަލައަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲގެ އެއްވެސް ނުފޫޒެއް ފޯރާފައިނުވާނެ ކަމަށާއި އެ މައްސަލާގެ އެއްވެސް ކަމެއްގައި ގާޒީ ބައިވެރިނުވާ ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ގާޒީ އަބްދުﷲ ހައްޔަރުކުރާ މަންޒަރު ފެނުމަކީ ޝަރީއަތަށް އަސަރުކުރާނެ ގާނޫނީ ހަމައެއް އޮތް ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ނުކުތާތައް ހުށަހެޅުމުން ރައީސް ނަޝީދަށް ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި އެމަނިކުފާނުގެ ބަދަލުގައި ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ވަކީލް ހަސަން ލަތީފެވެ. ހަސަން ލަތީފު ވިދާޅުވީ، ހައިކޯޓަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތައް އަދިވެސް ލިބިފައިނުވާ ކަމަށާއި އެހެންކަމުން ޖަވާބުދާރީވެވެން ނެތް ކަމަށެވެ. ހަސަން ވަނީ ޖަވާބުދާރީވުމަށް 15 ދުވަހުގެ މުއްދަތަކަށް އެދިފަ އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ލިޔެކިޔުންތައް ރައީސް ނަޝީދަށް ފޯރުކޮށްދޭނެ ކަަމަށާއި ލިޔެކިޔުންތައް ފޯރުކޮށްދެވުމުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލައި ދިނުމަށާއި އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގަން ޖެހިއްޖެނަމަ ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅައިދިނުމަށެވެ.