ރާއްޖެ ކުޅިވަރު

ލަޔަންސްގެ އަތްދަށުވެ، ނިއު ނޭވާ ހޮޅިއަށް

ޕީޕަލްސް ކަޕްގައި މިއަދު ހަވީރު ސިންގަޕޫރުގެ ލަޔަންސް ޓުވެލް އަތުން 3-1 އިން ބަލިވެ، ނިއު ރޭޑިއަންޓަށް މުބާރާތުގެ ފައިނަލަށް ދިއުމަށް އޮތް ފުރުސަތު ހަނިވެއްޖެ އެވެ.

ހޫނުވެގެން ދިޔަ މެޗުގައި ލަޔަންސް އިން ނިއުގެ މައްޗަށް ކުރި ހޯދީ މުހައްމަދު ފިރުދައުސް އާއި މަދޫ މޮހާނާ އަދި މުހައްމާ ކައިރުލް ޖެހި ލަނޑުތަކުންނެވެ. މެޗުގެ ފަހުކޮޅު ނިއު އަށް ލަނޑު ޖަހައިދިނީ އަހުމަދު ނިޔާޒް އެވެ.

މި މެޗުން މޮޅުވުމުން، މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ލަޔަންސް އަށް ވަނީ މުބާރާތުގެ ފައިނަލްގެ އުންމީދު އާވެފަ އެވެ. އެކަމަކު ނިއު އަށް ފައިނަލް އަށް ދިއުމަށް އޮތް ފުރުސަތު ވަނީ ހަނިވެފަ އެވެ މިރޭ މާޒިޔާ އާއި ޕީޑީއާރްއެމް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެ ނަމަ، ނިއު އަށް ފައިނަލްގެ ދޮރު ބަންދުވާނެ އެވެ. ނިއު އަށް އުންމީދެއް އޮތީ ޕީޑީއާރްއެމް މޮޅުވެގެންނެވެ.

ދެ ޓީމުން ވެސް މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މެޗުގެ ދެވަނަ ހާފުގައި ނިއުގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި ލަޔަންސްގެ ޔުން ޔީ ގެބްރިއެލް އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. ހޫނު ވެގެން ދިޔަ މެޗުގައި ޖުމްލަ 11 ރީނދޫ ކާޑު ފެނިގެންދިޔަ އެވެ.

މެޗުގެ 19 ވަނަ މިނިޓުގައި ނިއު ސިއްސުވާލުމަށް ފަހު ލަޔަންސް އިން ލީޑު ނެގީ ފިރުދައުސް ޖެހި ލަނޑުންނެވެ. ލަޔަންސްގެ އަމްރީ ދިން ބޯޅަ، ޕެނަލްޓީ އޭރިޔާ ބޭރުން ފިރުދައުސް ވަނީ އެއް ފަހަރުން ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 15 ވަނަ މިނިޓުގައި ނިއުގެ މުހައްމަދު އުމެއިރު ހިލޭޖެހުމަކުން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ލަޔަންސްގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހި އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލަޔަންސް އިން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު މަދޫ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން މަދޫ ގޯލަށް ބޯޅަ އަމާޒުކޮށްލީ ބޮލުންނެވެ. މިއީ މި މުބާރާތުގައި މަދޫ ޖެހި ދެވަނަ ލަނޑެވެ.

އަދި މެޗުގެ 58 ވަނަ މިނިޓުގައި ލަޔަންސްގެ ތިން ވަނަ ލަނޑު ޖެހީ އަމްރީ އެވެ. ނިއުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިޔާ ތެރެއަށް މުޅިން ހުސްކޮށް ވަދެ، އަމްރީ ގޯލަށް ބޯޅަ ވައްދާލީ ނިއުގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ  73 ވަނަ މިނިޓުގައި ލަޔަންސްގެ ގެބްރިއެލް އަށް ދެވަނަ ރީނދޫ ކާޑާއެކު ވަނީ ރަތްކާޑު ދައްކައިފަ އެވެ. ގެބްރިއެލް އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ރެފްރީ ކަށިގަނޑު ފުމެފައި ވަނިކޮށް ބޯޅަ ބޭރަށް ޖެހުމުންނެވެ.

އެކަމަކު އޭގެ ހަ މިނިޓު ފަހުން ނިއު ވެސް ވަނީ ދިހަ ކުޅުންތެރިންނަށް މަދުވެފަ އެވެ. ލަޔަންސްގެ ކުޅުންތެރިއަކަށް ހޮކޭ ކުރި ފައުލަކާ ގުޅިގެން ހޮކޭ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކައިފަ އެވެ. ހޮކޭ ކުރި ފައުލާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިން ހޫނުވި ވަގުތު، ސަޕޯޓަރެއް ވެސް ވަނީ ދަނޑަށް އަރައި ލަޔަންސްގެ ކުޅުންތެރިންނާ ކުރިމަތިލާން މަސައްކަތްކޮށްފަ އެވެ.

މެޗުގެ 85 ވަނަ މިނިޓުގައި ނިއު އަށް ސުންކަނޑުވާލަދިނީ ނިޔާ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ނިޔާ ވަނީ ތިރިތިރިން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.