ތުރުކީއަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ދިގުނުދަންމައި ނޭޓޯއިން ވަކިވުން ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިންގެ ވެރިޔާގެ މަގާމުގައި ކުރިން ހުންނެވި އެޑްމިރަލް ޖެމް ގުރުދެނީޒް ވިދާޅުވެއްޖެ އެވެ.
ގުރުދެނީޒް ވިދާޅުވި ގޮތުގައި ހުޅަނގަކީ ތުރުކީއަށް ހެވެއް އެދޭ ބައެއް ނޫނެވެ. އޭނާ ވިދާޅުވީ ކުރުދީންނަށް ވަކި ދައުލަތެއް ގާއިމުކޮށްދިނުން ނިޔަތުގައި އޮތް ބަޔަކު، ތުރުކީއަށް ހެވަކަށް ނޭދޭނެ އެވެ.
އަންކާރާގެ ވިސްނުން މިހާރުން މިހާރަށް ބަދަލުކުރުން މަޖުބޫރު ކަމަށް ވިދާޅުވެ އެޑްމިރަލް ވިދާޅުވީ ނޭޓޯއިން ވަކިވުމަށް ތުރުކީން ސިޔާސަތެއް ލަސްނުކޮށް އެކުލަވާލުން ނަސޭހަތަކަށް ފުދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) ގެ އެޖެންޓުން އަޑީގައި ތިބެގެން ތުރުކީއާ ދެކޮޅަށް 1984 ގައި ފަށައިގަތް ހަރަކާތްތަކުގައި ހުޅަނގުން ތާއީދުކުރަނީ ޕީކޭކޭއަށް ކަމަށް ވެސް ގުރުދެނީޒް ވިދާޅުވި އެވެ.
ޕީކޭކޭ އާއި ތުރުކީއާ ދެމެދު މިހާރު އުފެދިފައި ހުރި ޚިލާފުތަކުގައި ވެސް -- ހުޅަނގުން ތުރުކީއަށް ތާއީދުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތުރުކިގެ މިނިންވަންކަމާއި ސިޔާދަތުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު މަރުވެ ނެތި ހިންގައްޖެ ކަމަށް އެޑްމިރަލް ވިދާޅުވި އެވެ. މިއިން އެއްވެސް ކަމެއްގައި -- އެއްވެސް އިރެއްގައި ތުރުކީއަށް އޯގާތެރި ބަހެއްހާ ހިސާބު ވެސް ހުޅަނގުން ނުބުނާ ކަމަށް ގުރުދެނީޒް ވިދާޅުވި އެވެ.
އެޑްމިރަލް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ މިހާރު އޮތް މިސްރާބުގައި ކުރިއަށް ދާން ދޫކޮށްލައިފި ނަމަ ހަނގުރާމައިގެ ތެރެއަށް ނޭޓޯ ވަންނާނެ ކަމަށް ބެެލެވޭ ކަމަށެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަނގުރާމާގައި -- ރަޝިއާއާ ދެކޮޅަށް ތުރުކީ ވެސް ބައިވެރިވާން ޖެހޭނެ ކަމަށެވެ.
ނޭޓޯގެ ގަވާއިދު އޮންނަނީ އެ ޖަމާއަތުން ހިންގާ މިފަދަ ކަންކަމުގައި މެމްބަރު ގައުމުތައް ބައިވެރިވާން ޖެހޭ ގޮތަށެވެ.
ރަޝިއާއާ އެކު ސީދާ ހަނގުރާމައަށް ނުކުރުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ކަމަށް ނެޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގްއަށް ވިސްނިވަޑައިގަންނަވާ ކަމަށް އެޑްމިރަލް ގުރުދެނީޒް ވިދާޅުވި އެވެ.
މިހެން ކަން އޮތް ނަމަވެސް، އެމެރިކާގެ ނުފޫޒާ ހެދި ނޭޓޯ ވެސް އެ އޮތީ އަތަކަށް ހިރިނުލެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގުން ބޭނުންހާ ގޮތެއް ތުރުކީއަށް ހެދިޔަ ދީގެން ނުވާނެ ކަމަށް އެޑްމިރަލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާ އާއި ރަޝިއާއާ ގުޅިގެން ބްރިކްސް ވަރުގަދަކުރުން ތުރުކީއަށް މާ ބޮޑަށް ވެސް ރަނގަޅުވާނެ ކަމަށެވެ.