ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ހުށަހެޅި ޝަރުތުތުތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު މިހާރުވެސް އޮތް ގޮތަށް ރިޔާސީ ނިޒާމުގައި ބާއްވާނެ ކަމުގެ ޔަގީންކަން ދިނުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ހުށަހަޅައިފި އެވެ.
އެމްއާރްއެމް އަކީ ވެރިކަން ކުރާ ކޯލިޝަންގައި އެމްޑީޕީއާ އެކު މިހާރުވެސް ހިމެނޭ ޕާޓީ އެކެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށްޓަކައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިތުރުން އަދާލަތު ޕާޓީއާއި ޖޭޕީއަށްވެސް ކޯލިޝަން ހެދުމަށް ދައުވަތު ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެއްބަސްވީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ. އެމްޑީއޭ އަކީ މިވަގުތު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ނޫނެވެ.
އެމްޑީޕީއާ އެކު ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމުމަށް އެމްއާރްއެމްގެ އޮފީހުގައި ރޭ ވަނީ ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފަ އެވެ. މިބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން އެންމެ އިސްކޮށް އިންނެވީ އެޕާޓީގެ ރައީސް އަހްމަދު ފާރިސް މައުމޫން އެވެ. އެމްޑީޕީގެ ފަރާތުން އިސްކޮށް އިންނެވީ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.
ރޭގެ މަޝްވަރާތަކުގައި އެމްއާރްއެމް އިން ވަނީ މައިގަނޑު ފަސް ހުށަހެޅުމެއް އެމްޑީޕީއަށް ހުށަހަޅާފަ އެވެ.
އެމްއާރްއެމްގެ ހުށަހެޅުންތައް
- ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް އެދުން.
- ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމް.އާރް.އެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.
- ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
- ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
- ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން.
އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް އެމްއާރްއެމް އިން ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުގައި ބޭއްވުމަށް ހުށަހެޅިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީއާއި ރައީސް ސޯލިހަށް ހުށަހަޅުއްވާފަ އެވެ.