އިސްލާމިކް މިނިސްޓްރީ

ހައްޖު ކުންފުނިތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ ބަލަން ފަށައިފި

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދަން ހުއްދަދީފައިވާ ބައެއް އަމިއްލަ ކުންފުނިތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ ސަރުކާރުގެ ކުންފުނި -- ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ކުންފުންޏަށެވެ. އެއީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕް، އަލްހަރަމައިން ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ބައެއް އަމިއްލަ ކުންފުނިތަކުން މީހެއްގެ އަތުން 150،000 ރުފިޔާ ނަގާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ވަނީ ހުށަހެޅިފަ އެވެ.

މައްސަލަ ބަލަމުންދާއިރު އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ ކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެއަށް މިއަހަރު ލިބިފައިވާ 1،000 ކޯޓާގެ ތެރެއިން އަމިއްލަ ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދިނުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ހުއްދަ ދިން ކުންފުނިތަކާއި އަގުތައް

  • އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 75،250ރ.
  • ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް - 75،465ރ.
  • އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް - 75،000ރ.

އަމިއްލަ ކުންފުނިތަކުން މީހެއްގެ އަތުން ފައިސާ ނެގުމަށް ހުއްދަ ދީފައިވާ އަދަދުގެ އިތުރަށް އިތުރު ފައިސާ ނަގާ ކަމުގެ ޝަކުވާ ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި ހައްޖަށް ދާން ބޭނުންވާ މީހުންގެ ޑިމާންޑެއް އޮތުމާ ގުޅިގެން ހުއްދަ ނަގާފައިވާ ބައެއް ކުންފުނިތަކުން ގެންދަނީ ލައްކައަކަށް ވުރެ ކުޑަކޮށް ހައްޖަށް ނުގެންދެވޭނެ ކަމަށް ބުނަމުންނެވެ.

ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ހައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ހަނދާންކޮށްދީފަ އެވެ.