ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭގޮތަށް އަމަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ބަންޑާރަނައިބް އިބްރާހީމް ރިފްއަތު، ދިވެހި ގައުމަށްވީ ވަރަށް ބޮޑު ހިޔާނާތަކަށްވާތީ އެ ބޭފުޅުން އަދުލުއިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދީފި އެވެ.
އިދިކޮޅު ކޯލިޝަނުން މިފަދަ އިންޒާރެއް ދީފައި މިވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ވަކާލަތު ކުރި ގޮތަށް މައްސަލަ ނިމުނުއިރު ދިވެހިރާއްޖެއަށް ގެއްލުންވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ ހުކުރު ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު ބަހާލި ގޮތެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމަށް އިޓްލޮސްގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތުން މުޅި ދިވެހި ދައުލަތަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް، ހާއްސަކޮށް ރާއްޖޭގެ މަސްވެރި އާއިލާތަކަށް އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިޓްލޮސް އިން ހުކުމް ކުރުމުގައި ރިއާޔަތްކުރި އެންމެ މުހިއްމު ހެއްކަކީ ރައީސް ސޯލިހް މޮރިޝަސްއަށް މިދިޔަ އަހަރު ފޮނުއްވި ސިޓީ ކަމަށް އިޓްލޮސްގެ ހުކުމުގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި 1992 އިން ފެށިގެން ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖެއިން ގެންގުޅުނު ސިޔާސަތާއި ސްޓޭންޑް، ކުއްލިއަކަށް ބަދަލުކޮށް، ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށް އަންގަވާފައިވަނީވެސް ރައީސް ސޯލިހްގެ ސިޓީން ކަން ހުކުމުން ދޭހަވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ސަރުކާރުން ކުއްލިއަކަށް ގަބޫލުކުރުމާއި އެކަން "ސިއްރު" ސިޓީއަކުން މޮރިޝަސްއަށް އެންގުމާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ދެބަޔަށް ބަހަން ސަރުކާރުން ކުއްލިއަކަށް އެއްބަސްވީ އަޑި ނޭނގޭ ޑީލްތަކެއް ހަދައިގެން ކަމަށް ސަބަބުވެރި ކޮންމެ އިންސާނަކު ގަބޫލުކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"އަދި މިކަމުގައި 500 މިލިއަން ޑޮލަރުގެ ޑީލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަދާފައިވާ ކަމަށް، ވެރިކަންކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހާމަކޮށްފައިވާއިރު، ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި، ރާއްޖޭގެ ސިޔާދަތީ ބާރުތައް ގެއްލޭ ގޮތަށް ސަރުކާރުން އަމަލުކޮށްފައިވާކަން ދޭހަވެ އެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުުރުމުގެ މައްސަލައިގައި ރައީސް ސޯލިހާއި މިނިސްޓަރު ޝާހިދާއި ބަންޑާރަނައިބު ރިފްއަތު، ދިވެހި ގައުމަށް ވަރަށް ބޮޑަށް ޚިޔާނާތްވެފައިވާ ކަމަށެވެ. އަދި އެ އަމަލު އިދިކޮޅު ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ އެބޭފުޅުން ނަންގަވަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ދަރުބާރަށް އެ ފަރާތްތައް ހާޒިރު ކުރެވޭނެ އެވެ. ދިވެހި ރައްޔިތުންނަށް ޣައްދާރުވި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ކުރަންޖެހޭ ކަންކަން މިކޯލިޝަނުން ކުރާނެކަމުގައި ދެންނެވީމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ އިޓްލޮސްގެ ހުކުމް ބަލައިނުގަންނާނެ ކަމަށެވެ. އަދި މިމައްސަލަ އިސްތިއުނާފް ކުރުމަށް ބައިނަލްއަގްވާމީ ކޯޓުތަކަށް ހުށަހަޅައި، ވިއްކާލާފައިވާ ދިވެހި ރައްޔިތުންގެ މަސްކަނޑު އަނބުރާ ހޯދުމަށް އިދިކޮޅު ކޯލިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.