ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ މެދު ރާއްޖޭގެ ރައްޔިތުން މާޔޫސްވެ ކަންބޮޑުވެފައިވާތީ މިސަރުކާރަށް އިތުރު ވަގުތު ނުދީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް އެމްޑީޕީން ފަށާނެ ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުން ގެންދަވާ އާދަމް އާޒިމްގެ ކެމްޕޭންގެ ފަހު ޖަލްސާގެ ގޮތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ދޮގު ތަކެއް ހަދައިގެން ނަމަވެސް ރައްޔިތުންގެ ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިއަދު މުޅި ރާއްޖޭގެ ރައްޔިތުން ތިބީ އެމީހުންނަށް މިކުރެވުނު ކަމަކާ ދޭތެރޭ ކަންބޮޑުވެފައި ކަމަށާއި އެހެންކަމުން އެމްޑީޕީ އިދިކޮޅުގައި އޮވެ ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން އެ މަސައްކަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ އުއްމީދުތަކެއް އޮތް. ބޭނުންތަކެއް އޮތް. ރައްޔިތުން އުއްމީދުކުރީ ކުރިއަށް ވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތްތަކެއް މިސަރުކާރުން ކޮށްދޭނެ ކަމަށް. އެހެންނަމަވެސް މިވީ ކުޑަދުވަސްކޮޅު ތެރޭގައި ރައްޔިތުން މާޔޫސްކޮށްލައިފި. އުއްމީދު ގެއްލިއްޖެ. ދޮގު މައްޗަށް ދެންމެ އަސްލަމް އެ ވިދާޅުވިހެން ދޮގު ހަދާތަން އަޅުގަނޑުމެންނަށް މިފެންނަނީ،" ސަރުކާރަށް ފާޑު ކިޔުއްވާ ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް 19ގެ ދަތި އުދަނގޫ ދުވަސްތަކާ އެކުވެސް މާލެ އާއި މުޅި ރާއްޖެއަށް އެމަނިކުފާނުގެ ސަރުކާރުން ރަނގަޅު މަސައްކަތްތަކެއް ކޮށްދިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށް ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ބިންތައް ހިއްކައި ފްލެޓްތައް އަޅައި ބަޔަކަށް ފްލެޓް ދޫކުރި ކަމަށެވެ. ނަމަވެސް މިސަރުކާރުން އަދިވެސް އެ ފްލެޓްތައް ހަވާލުނުކުރާ ކަމަށާއި އެ ފްލެޓްތައް ދެން ހަވާލުކުރެޗޭބީ މާލޭގެ މޭޔަރަކަށް އާޒިމު ހޮވައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އަތޮޅު ތެރޭގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މައްސަލަ އާއި، އަސާސީ، ސިއްހީ އެތައް ހިދުމަތެއް ގާއިމުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފަށައި ގިނަ މަސައްކަތްތަކެއް ނިންމާލެވުނު ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވި ގޮތަށް އަތޮޅު ތެރޭގައި ފަށާފައި ހުރި ގިނަ މަސައްކަތްތަކެއް ހުއްޓާލާފައި ކަމަށްވެސް ވިދާޅުވި އެވެ. އަދި އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯގެ ގޮތުގައި ހުންނަވައިގެން ކުރައްވަން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން 70 ނުވަތަ 80 ޕަސަންޓް މަސައްކަތް މިސަރުކާރުން ހުއްޓުވާފައިވާ ކަމަށްވެސް ވިދާޅުވި އެެވެ.
"ރައްޔިތުން ނުތިބޭނެ ބަލާކަށެއް. ރައްޔިތުން ނުތިބޭނެ ބަލާކަށެއް. އަޅުގަނޑުމެންވެސް ތިބެގެން ނުވާނެ. ޖަވާބުދާރީ ކުރުވަން އޮތް އެންމެ ބޮޑު ޕާޓީ އަކީ އެމްޑީޕީ. އަޅުގަނޑުމެން ޖެހޭނެ މިކަމުގައި ޒިންމާދާރުކަމާއެކީގައި މިސަރުކާރު ޖަވާބުދާރީކުރުވަން. އަޅުގަނޑުމެން މިކަން ނުކޮށްފިނަމަ މިރާއްޖެ ވެއްޓޭނީ ދެންމެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް އެ ވިދާޅުވިހެން ބޮޑު އަނދަވަޅަކަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.
މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖެއަށް އިގްތިސާދީ ގެއްލުންތައް ލިބި، އަމާންއަމާންކަން ގެއްލި، ހާރިޖީ ގުޅުންތައްވެސް ގެއްލިގެންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އެހެންވެ އެމްޑީޕީން އަލުން ރުކުވާލާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ނިކުންނާނެ ކަމަށާއި އެމްޑީޕީން މިދިޔަ ދުވަސްތަކުގައި މަޑުކޮށްލައިގެން ތިބީ ރައްޔިތުން އިންތިހާބު ކުރި ސަރުކާރަކަށް ވާތީ ވަގުތުކޮޅެއް ދޭންޖެހޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
"އަދިވެސް ހިތަށް އަރާ ބައެއް ފަހަރު އަދިވެސް ކުޑަ ވަގުތު ކޮޅެއް އަޅުގަނޑުމެން ބަލާލަންވީއޭ. އެކަމަކު އަޅުގަނޑަށް ހިއެއް ނުވޭ ދެން އެހެން ބަލަން ތިބެންވީހެނެއް،" ރައީސް ސޯލިހް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން މިހާތަނަށް އިއުލާންކުރި މަޝްރޫއުތަކަށް ބަލާއިރު އަދި އާކަމެއް ކޮށްފައި ނުވާ ކަމަށެވެ. ފުށިދިއްގަރުފަޅު މިސަރުކާރުން ހިއްކަން ފަށާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ ނޫން ކަމެއް އަލަށް ނުކުރައްވާ ކަމަށެވެ.
"ދެން އެހެން ނޫނިއްޔާ ބޯންމެރޯ ހެދުން ކަމަށްވިޔަސް، ޑްރޯންގައި ބޭހާއި ބޭސް އުފުލުން ކަމަށްވިޔަސް އަދި އެނޫންވެސް ދެން ހުރި ހުރިހާ ކަމަކީ ނިމިދިޔަ އަޅުގަނޑުމެންގެ ސަރުކާރުގައި ފައްޓަން ތައްޔާރުވެ ގާތްގަނޑަކަށް ނިމިފައި ހުރި ކަންކަން. އާ އެއްވެސް ކަމެއް އަދިއެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް މިރޭގެ ޖަލްސާގައި ވާހަކަދައްކަވަން ފެއްޓެވުމުގެ ކުރިން އެމަނިކުފާނު ވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށްފަހު ޕާޓީ ބަދަލުކުރެއްވި ބައެއް މަޖިލިސް މެންބަރުންނަށް ނުސީދާކޮށް ރައްދުދެއްވާފަ އެވެ. އެގޮތަށް އެމަނިކުފާނު ރައްދުދެއްވީ ރައީސް ނަޝީދާއި އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވި މަޖިލިސް މެންބަރުން އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ނުފެންނާނެ ކަމަށް ކުރިން ވިދާޅުވެފައިވާތީ އެވެ. އެމްޑީޕީ ދޫކުރައްވާ ވަޑައިގެންނެވި ބޭފުޅުންނަށް ރައްދުދެެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ނޫން ޕޯޑިއަމަކުން އެމަނިކުފާނު ނުފެންނާނެ ކަމަށެވެ. ކާމިޔާބީ އާއި ނާކާމިޔާބީ އަދި ދަތިއުދަނގޫ ވަގުތުގައިވެސް އެމަނިކުފާނު ފެންނާނީ އެމްޑީޕީގެ ޕޯޑިއަމްގައި ކަމަށްވެސް ވިދާޅުވި އެވެެ.
"މިހެން ބައެއް ބޭފުޅުން މި ޕޯޑިއަމްގައި ވިދާޅުވެފައި ދުރަށް ޖެހިލާތަން ފެންނާތީ ތަކުރާރުކޮށް އަދިވެސް ދަންނަވާލާނަން. އަޅުގަނޑެއް ނުފެންނާނެ އެހެން ޕޯޑިއަމަކުން." ރައީސް ސޯލިހް ވިދާޅުވި އެވެ.