ރެފިއުޖީން

އަފްޣާނުން ޖަރުމަނަށް ހިޖުރަކުރާ ރެފިއުޖީން މަދުނުވާނަމަ އެހީ ކަނޑާލާނެ ކަމަށް ބުނެފި

އަފްގާނިސްތާނުން ޖަރުމަނަށް ހިޖުރަކުރާ ރެފިޔުޖީންގެ އަދަދު މަދުނުވާނަމަ އެގައުމުން އަފްގާނަށްދޭ ފޮރިން އެހީތައް ކަނޑާލާނެ ކަމަށް ޖަރުމަނުން ބުނެފި އެވެ.

އަފްގާންގެ ކާބުލް އަށް ޖަރުމަނުގެ އިންޓީރިއަރ މިނިސްޓަރު ތޯމަސް މަޒޭރީ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިދާޅުވީ ޖަރުމަނުން "ވީ އެއްމެ ގިނަ ދުވަހަކު އަފްގާނުގައި ތިބޭނެ ކަމަށާއި ހަމަ އެފަދައިން އަފްގާންގެ ރައްޔިތުންވެސް އަފްގާނުގައި ތިބޭނެކަމަށް އުއްމީދުކުރައްވާ" ކަމަށެވެ.

އަދި މީގެ އިތުރުން ވިދާޅުވީ ޖަރުމަނުން ބޭނުންވަނީ އެގައުމަށް އެތެރެވާ ރެފިޔުޖީންގެ އަދަދު މަދުކުރަން ކަމަށާއި އެގައުމަކުން ރެފިޔުޖީންނަނޤ ހޫނު މަރުހަބާއެއް ނުކިޔާނެ ކަމަށާއި ވަޒީފާ އަދި އުޅޭނެ ތަނެއް ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

ތޯމަސްގެ ވާހަކަފުޅުގައި ސްމަގްލަރުން ފަތުރަމުންދާ ޕްރޮޕަގެންޑާ އަށ ްތަބާނުވެ އަމިއްލަ ގައުމުގައި ތިބެ އަމިއްލަ ގައުމު ތަރައްގީކުރަން މަސައްކަތް ކުރުމަށް އަފްގާން ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

އަދި އަފްގާނަކީވެސް ރައްކާތެރި ސަރަހައްދުތައް އެބަހުރި ކަމަށް ވިދާޅުވި އެވެ. ތޯމަސް އެހެން ވިދާޅުވެފައިވަނިކޮށް ތާލިބާނުންވަނީ ޓްރެފިކް ބޮޑު ސަރަހައްދެއްގައި ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއްދީ 20 މީހުން މަރާލާފަ އެވެ.

ފާއިތުވި އަހަރަށް ބަލާއިރު ޖަރުމަނަށް ހިޖުރަކުރި ރެފިޔުޖީންގެ ތެރޭގައި އެއްމެ ގިނައީ އަފްގާނިސްތާން އަދި ސީރިޔާއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން މިދިޔަ އަހަރު 150،000 ރެފިޔުޖީން އަފްގާނުން، ޖަރުމަނަށް ގޮސް ރަޖިސްޓްރީވެފައި ވެއެވެ. އަދި އޭގެ ކުރީ އަހަރު 9،700 އަފްގާން ރައްޔިތުން ހިމާޔަތަށް އެދިފައިވެ އެވެ.

ޖަރުމަނަކީ އަފްގާނަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ގައުމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 327 މިލިއަން ޔޫރޯ އެގައުމުން އަފްގާނަށް އެހީގެ ގޮތުގައި ދެއެވެ.