މިއުޒިކް

އަޑު އަންހެންކަމުން މަލާމަތްކުރި މީހާގެ އަޑު މިހާރު އެންމެންނަށްވެސް ރީތި

ސުބޯޖީތު ޑޭ އަކީ އިންޑިއާގެ ވެސްޓް ބެންގާލްގެ ކުޑަ އަވަށެއް ކަމަށްވާ ޕާނީތޫޕިއާގައި ދިރިއުޅޭ މީހެކެވެ.

އޭނާ އަކީ ފިރިހެނެއް ނަމަވެސް އޭނާގެ އަޑު ވަރަށް ތޫއްޔެވެ. އަންހެނެއްގެ އަޑަކާ އެއްވެސް ތަފާތެއް ނެތެވެ.

ސުބޯޖީތަކީ ކުޅަދާނަ ނެށުންތެރިއެއްގެ އިތުރުން ލަވަ ކިޔުމުގެ ރޮނގުން ވެސް މަޝްހޫރުވަމުން އަންނަ ލަވަކިޔުންތެރިއެކެވެ.

ރުމޯންގެ ނަމުން ސްޓޭޖުތަކުގައި މަޝްހޫރުވެފައިވާ މި ލަވަކިޔުންތެރިޔާ ވަރަށް ކުޑައިރުއްސުރެ ލަވަ ކިޔަ އެވެ. އޭނާގެ ދައްތަ އަކީ ލަވަކިޔުންތެރިއަކަށް ވާތީ ދައްތަ ކިޔާ ލަވަތައް ދަސްކޮށްގެން އޭނާގެ އަޑު ދަށުންނެވެ.

ނަމަވެސް އޭނާގެ އަޑު އަންހެން ކަމުން ވަރަށް ގިނަ ފަހަރަށް ތިމާގެ މީހުންނާއި އަވަށްޓެރިން އަދު އެކުވެރިންގެ މަލާމާތާ ސުބޯޖީތު އަށް ކުރިމަތިލާން ޖެހުނެވެ. އެކަމަކު ހިތްވަރު އެލުވާނުލައި އޭނާ ލަވަކިޔުމާއި ނެށުމުގެ ރޮނގުން ކުރިޔަށް ދިޔަ އެވެ.

އޭނާގެ އާއިލާއަކީ ވަރަށް ފަގީރު ބަޔަކަށް ވާތީ ސުބޯޖީތުގެ އަންހެން އަޑުގެ މައްސަލަ ރަނގަޅުކުރަން ފަރުވާއެއް ހޯދޭނެ ގޮތެއް ނުވި އެވެ.

އޭނާގެ ބައްޕައަކީ ދަނޑުވެރިއެކެވެ. އަދި ދަނޑުވެރިކަމުން ލިބޭ ފައިސާ އިން އެ އާއިލާގެ ބަނޑުފުރާނަ މުއްތިވާވަރު ވެސް ނުވެ އެވެ. އެހެންވެ ޑޮކްޓަރަށް ދައްކައިގެން އަޑަށް ދިމާވެފައިވާ މައްސަލަ ރަނގަޅު ނުކުރެވި މިހާރުވެސް އޭނާ ލަވަކިޔަނީ އޭނާގެ އަންހެން އަޑުންނެވެ.

ލަތާ މަންގޭޝްކަރް ފަދަ ލަވަކިޔުންތެރިންގެ އަޑުން ސުބޯޖީތު ލަވަ ކިޔާއިރު އެއީ ފިރިހެނަކު ކިޔާ ލަވައެއް ކަމެއް އެކަކަށް ވެސް ނޭނގޭނެ އެވެ. އެހާވެސް އޭނާގެ އަޑު ތޫއްޔެވެ.

މިއީ ޕިއުބާޕޯނިއާ ކިޔާ ބައްޔެއްގެ ސަބަބުން ސުބޯޖީތަށް ދިމާވެފައިވާ ކަމެކެވެ.

މި މައްސަލަ އާއްމުކޮށް ދިމާވަނީ ފިރިހެނުންނަށެވެ. އާއްމުކޮށް މިފަދަ ފިރިހެން ކުދިން ބާލިޣުވުމާއެކު އުމުރުގެ ކޮންމެވެސް ހިސާބަކުން ބަރު އަޑަކަށް އަޑު ބަދަލުވެ އެވެ. ނަމަވެސް މި ބަލި ހުރުމުގެ ސަބަބުން އަޑު ބަދަލުނުވާ ސުބޯޖީތު ކަހަލަ އެތައް ސަތޭކަ ބަޔަކު ވެސް ދުނިޔޭގައި އުޅެ އެވެ.

ސުބޯޖީތުގެ އަޑު އެހާ ބޮޑަށް އެންމެންނަށް ފާހަގަކުރެވުނީ އޭނާއަކީ ލަވަ ކިޔާ މީހަކަށް ވާތީ އެވެ.