މިއުޒިކް

ދުުބާއީގައި ހައްޔަރެއް ނުކުރޭ: ރާހަތު

ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހު އަލީ ހާން ދުބާއީ އެއާޕޯޓުގައި ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ރާހަތު ދުބާއީ އެއާޕޯޓުން ހައްޔަރުކުރީ އޭނާގެ ކުރީގެ މެނޭޖަރު އަބުރުގެ މައްސަލައެއްގައި ރާހަތާ ދެކޮޅަށް މައްސަލައެއް ފައިލްކޮށްފައިވާތީ ކަމަށް ބުނެވެ އެވެ.

ދުބާއީއަށް ރާހަތު އިއްޔެ ދިއުމާއެކު އެތަނުގެ އިމިގްރޭޝަން ސެންޓަރުގައި ބޭންދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް ރާހަތު ވަނީ ދޮގު މައުލޫމާތު ގަބޫލު ނުކުރުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި ރާހަތު ބުނީ ދުބާއީއަށް އޭނާ ދިޔައީ އޭނާގެ ލަވަތަކެއް ރިކޯޑު ކުރުމަށް ކަމަށާއި އެ މަސައްކަތްވެސް އަދި އެހެން ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށެވެ.

"އަހަރެން މި އެދެނީ ފޭނުންގެ ފަރާތުން ފެތުރޭ އެއްވެސް އަޑެއް ގަބޫލު ނުކުރުމަށް. އެއީ ތެދެއް ނޫން،" ރާހަތު ބުންޏެވެ.

ރާހަތު ބުނީ އޭނާ ވަރަށް އަވަހަށް ސުޕަހިޓް ލަވައަކާއެކު އަންނާނެ ކަމަށާއި އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުވާނެ ލަވައަކަށް ވާނެ ކަމަށެވެ.

ރާހަތުގެ ގިނަ ލަވަތަކެއް ރިލީޒްކުރަން ތައްޔާރުވަމުންދާއިރު، ރާހަތަކީ ރާއްޖޭގައި އާ އަހަރު ފާހަގަކުރަން ބޭއްވި "އަލިމަސް ކާނިވަލް"ގެ ޝޯ އެއްގައިވެސް ލަަވަކިޔާފައިވާ ހުނަރުވެރި ފަންނާނެކެވެ.