ލޯނުތައް އަނބުރާ ދެއްކުމަށް ކުރި ހޭދަ 22 ޕަސަންޓު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް ކުރި ހަރަދު 857.2 މިލިއަން ރުފިޔާއަށް އަރަ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނަށް ހޭދަކުރި 700.5 މިލިއަން ރުފިޔާއަށްވުރެ 22 ޕަސަންޓު އިތުރުވުމެކެވެ.
ލޯނުތައް އަނބުރާ ދެއްކުމަށް މިއަހަރު 2.1 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދު 14.8 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި ހޭދައަށްވުރެ 18 ޕަސަންޓު އިތުރުވުމެކެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް 3.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް ކުރި ހޭދަ 6.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް ކުރި ހަރަދު ހަތަރު ބިލިއަން ރުފިޔާއަށް އަރަ އެވެ.
ދައުލަތަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 10.4 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 7.8 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.5 ބިލިއަން ރުފިޔާ ހިމެނެ އެވެ.