ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު ދައުލަތުގެ ބަޖެޓުން މި އަހަރު 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 13.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 15.8 ބިލިއަން ރުފިޔާގަ އެވެ.
ލޯނަަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 12.6 ބިލިއަން ރުފިޔާގަ އެވެ.
މީގެ ތެރެއިން 9.7 ބިލިއަން ރުފިޔާ -- 77 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އެ ގޮތުން މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 6.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ރިކަރަންޓް ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 9.9 ބިލިއަން ރުފިޔާގަ އެވެ.
ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ދައުލަތަށް މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 9.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.8 ބިލިއަން ރުފިޔާ ހިމެނެ އެވެ.