އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިފަދަ އިލްތިމާސްއެއް ކޮށްފައި މިވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވެ އެެވެ.
އެކަމަކު އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުރި މީހަކު އެތަނުގެ އާމަރީ ފަޅާލައި އެތަނުގައި ހުރި ތަކެތި ވަގަށް ނަގައިގެން ފިލާފައިވާ ކަމަށް ބުނާ މެސެޖެއް ރެއިން ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް އާމަރީ ނުވަތަ ފުލުހުންގެ ހަތިޔާރު ގުދަން ފަޅާލި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ނަމަވެސް ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލައިގެން އުޅޭ މީހަކު ހޯދަމުންދާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ދޮގު މައުލޫމާތު ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ސޯޝަލްމީޑިއާގައި ފުލުހުންގެ މަސައްކަތްތަކާއި ފުލުހުން ކުރިއަށް ގެންދާ ތަފާތު އޮޕަރޭޝަންތަކަށް އަބަދުވެސް ހިޔާލުފާޅުކޮށް ހަދަ އެވެ. ބައެއް މައުލޫމާތުތަކުގައި ސައްހަ ކަމެއް ހުއްޓަސް ބައެއް ކަންކަމުގައި ފުލުހުން ޖަވާބު ނުދޭ މައްސަލަވެސް އޮންނަނީ ބޮޑުވެފަ އެވެ.