ހަބަރު

ސަރަހައްދުގައި 14 އަހަރުގެ ތައުލީމު ހިލޭދޭ ފުރަތަމަ ގައުމަށް ރާއްޖެވަނީ ވެފައި: ރައީސް

އަހަރު ތަކެއް ވަންދެން ރަސްމީ ތައުލީމުން ބާކީވެފައި އޮތް ޕްރީ ސްކޫލް ކިޔެވުން ރަސްމީ ތައުލީމުގެ ތެރެއަށް ވައްދައި، އުމުރުން 18 އަހަރު ވަންދެން ސަރުކާރުގެ އެހީގައި ކުދިންނަށް ކިޔެވޭ ގޮތް ހެދުމާ އެކު، 14 އަހަރުގެ ތައުލީމު ހިލޭ ފޯރުކޮށްދޭ މިސަރަހައްދުގެ ފުރަތަމަ ގައުމަށް ރާއްޖެ ވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަތާރަ ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ރައީސް އަބްދުﷲ ޔާމީން، މިއަހަރަށް މަޖިލިސް ފެއްޓެވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ނިމުނު 2015 ވަނަ އަހަރު ރާއްޖޭގެ ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާޅީހަށްވުރެ ގިނަ ސްކޫލުގެ ދަރިވަރުން އަރަބި ބަސް ކިޔަވަމުންދާއިރު، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑުކޮށް، އެކަކުން މަތީ ގްރޭޑް ތަކަށް ކިޔަވައިދޭ ކޮންމެ ޓީޗަރަކީ ޑިޕްލޮމާއިން މަތީ ފެންވަރު ހުރި މީހުންނަށް ހެދުމަށްޓަކައި، އެ ފެންވަރަށް ހުރިހާ ޓީޗަރުންވެސް ތަމްރީންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

".. ތަހުޒީބު މުޖްތަމައަކަށް ބޭނުންވާ ތަރުބަވީ ތައުލީމާއި ތަމްރީނަށް އަމާޒުކޮށްގެން، 2015 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ޕްރީސްކޫލް ތައުލީމް ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުގެ ސްކޫލްތަކުން ޕްރީސްކޫލް ތަޢުލީމް ދޭން ފެށުން. ހަމައެޔާއެކު، އުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10ގެ ތަޢުލީމަށްފަހު، އިތުރު 2 އަހަރުގެ ސްކޫލް ތައުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް މިވަނީ ފަށާފައި. އަދި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިޔުމުގެ 10 އަހަރު ދުވަހުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށިގެންދާނެ،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ކުއްޖެއް ބާކީ ނުކުރާ ސިޔާސަތުގެ އެންމެ ބޮޑު ބޭނުމަކީ، 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް ވަޒީފާއަދާކުރެވޭ ފަދަ ގާބިލުކަމެއް ލިބެންދެން ތައުލީމުގެ ކޮންމެ ހަރުފަތެއްގައިވެސް އެ ކުއްޖަކަށް ސަރުކާރުން އެހީތެރިވުން ކަމަށެވެ. އެ ސިޔާސަތުގެ ސަބަބުން ސްކޫލް ނިންމާ ކޮންމެ ޒުވާނަކީ، ކޮންމެ ޒުވާނަކީ ވަޒީފާ އަދާކުރަމުން، އާއިލީ ޒިންމާވެސް އަދާކުރާ ޒުވާނަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.