މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ލިބެން ޖެހޭ 24 މިލިއަން ރުފިޔާ ހޯދަން ބްރޯޑްކޮމް އިން މަސައްކަތެއް ނުކުރޭ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ލިބެންޖެހޭ 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް އެ ކޮމިޝަނުން ނުކުރާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ބްރޯޑްކޮމްގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި އެ ކޮމިޝަނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ގިނަ ދުވަސްވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މި ގޮތުން 2021 ވަނަ އަހަރުގެ ނިޔަލަށް 24.73 މިލިއަން ރުފިޔާ ނުލިބި ހުރިކަން ފާހަގަކޮށްފައިވެ އެވެ.

ބްރޯޑްކޮމްއަށް ނުލިބި ހުރި ފައިސާގެ ތެރޭގައި ހިމެނެނީ ރީބްރޯޑްކާސްޓިން ލައިސަންސް ފީ އާއި ބްރޯޑްކާސްޓިން ލައިސަންސް ފީގެ އިތުރުން ފުރީކުއެންސީ ފީ އާއި އެ ފީތަކުގެ ޖޫރިމަނާ އެވެ.

ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ

  • ރީބްރޯޑްކާސްޓިން ލައިސަންސް ފީ - 6،396،319ރ.
  • ރީބްރޯޑްކާސްޓިން ލައިސަންސް ފީގެ ޖޫރިމަނާ - 5،585،288ރ.
  • ބްރޯޑްކާސްޓިން ލައިސަންސް ފީ - 3،236،400ރ.
  • ބްރޯޑްކާސްޓިން ލައިސަންސް ފީގެ ޖޫރިމަނާ - 3،690،630ރ.
  • ފުރީކުއަންސީ ލައިސަންސް ފީ - 5،806،671ރ.
  • ފުރީކުއަންސީ ލައިސަންސް ފީގެ ޖޫރިމަނާ - 18،689ރ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ނުލިބި ހުރި ފައިސާގެ ތެރޭގައި ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފީ އަދި ޖޫރިމަނާވެސް ހިމެނެ އެވެ.

ކޮމިޝަނަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، އެ ފައިސާ ނުލިބި ނުވަތަ ލިބުން ލަސްވެ ދައުލަތަށް މާލީ ގެއްލުމާ ކުރިމަތިލާން ޖެހުން އެކަށީގެންވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ އެ ފައިސާ ލިބުން އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް އަމަލުކުރުމަށް އަންގާފަ އެވެ.