އެމްއާރުއެމް

އެމްއާރްއެމް އިން ވަކިވި ބޭފުޅުން ސަރުކާރު މަގާމުތަކުގައި ތިބުމަށް އެދިއްޖެ

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް އަށް ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ މަގާމުތަކުން އެ ބޭފުޅުން ވަކިވެވަޑައިނުގަތުމަށް އެމްއާރްއެމް އިން އެދިއްޖެ އެވެ.

އެމްއާރްއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ އިސް އަށް ބޭފުޅުން މިއަދު ޕާޓީން ވަކިވެވަޑައިގަތުމަކީ އެ ޕާޓީއަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެބޭފުޅުން ޕާޓީއަށް ކޮށްދެއްވާފައި ހިދުމަތްތަކަށް އެމްއާރްއެމް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް އެމްއާރްއެމް އިން ޖެއްސުން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެމްއާރްއެމް އިން ވަކިވެވަޑައިގެންނެވި ބޭފުޅުން

  • ޝަޒައިލް ޝިޔާމް – އެމްއާރްއެމްގެ ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރު
  • މުހައްމަދު ރާއިދު – އެމްއާރްއެމްގެ އެކްސްކޯ މެންބަރު އަދި އެމްއައިޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު
  • އިބްރާހީމް ފަރުހާދު – އެމްއާރްއެމްގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރު
  • އިސްމާއިލް ނާއިލް ނަޝީދު – އެމްއާރްއެމްގެ ސްޕޯކްސް ޕާސަން އަދި ހެރިޓޭޖު މިނިސްޓްރީގެ ޑައިރެކްޓާ ކޮމިނިއުކޭޝަންސް
  • ތަޒްމީލް އަބްދުލް ސަމަދު – އެމްޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު
  • މުޙައްމަދު ފައިސަލް – ޑެޕިއުޓީ އެމްބެސެޑާ އަބޫދާބީ
  • އަބްދުލް ހަމީދު އަހްމަދު – ފިޝަރީޒް މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރު
  • ހަސަން ހައްޔާން އަހްމަދު - އެކްސްކޯ މެންބަރު

އެމްއާރްއެމް އިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި އެމްއާރްއެމްގެ ޒައީމު -- ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާސަނަލް އެސިސްޓެންޓް އަހްމަދު ސޮފްވާންގެ އިތުރުން އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތުވެސް ހިމެނޭ ކަމަށް ކުރިން އަޑުފެތުރިގެން ދިޔަ އެވެ. ނަމަވެސް އެމްއާރްއެމް އިން މިއަދު ވަކިވެވަޑައިގެންނެވި ޕާޓީގެ އިސް ބޭފުޅުން ކަމަށް ވިދާޅުވެ އެމްއާރްއެމް އިން މިރޭ މީޑިއާއަށް ފޮނުވި ލިސްޓްގައި މި ތިން ބޭފުޅުން ނުހިމެނެ އެވެ.

އެމްއާރްއެމް އިން މިއަދު އިސްތިއުފާ ދެއްވި އަށް ބޭފުޅުންގެ ތެރެއިން ހައްޔާން ފިޔަވާ އެހެން ބޭފުޅުންނަކީ އެމްއާރްއެމްގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރުމަށް އެބޭފުޅުންގެ ނަންތައް ފޮނުވީ އެއީ ގާބިލް ބޭފުޅުން ކަމުގައި ވާތީ ކަމަށެވެ.

"އެހެންކަމުން އެބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަގާމުތަކުގައި އެބޭފުޅުން ދެމިތިއްބެވުމަކީ އެމްއާރްއެމް އިން އެދޭ ގޮތެވެ. އަދި މިހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ކާމިޔާބު މުސްތަގުބަލަކަށް އެދެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެޕާޓީ ފެށިގެން އައީ އަދި ކުރިއަށް ދާނީވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި އެ މަގުސަދު ހާސިލްކުރުމަށް އެމްއާރްއެމް އިން ހުއްޓުމެއް ނެތި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ދީފައިވެ އެވެ.