އެމްޓީސީސީން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތަށް އެއް އަހަރުވީއިރު 262,327 މީހުން ފެރީގެ ހިދުމަތް ބޭނުންކޮށްފި އެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.
ހިދުމަތް ދޭން ފެށި ފަހުން ހދ. އަތޮޅުގެ އިތުރުން ހއ. އަތޮޅާއި، ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި މިހާރު ވަނީ އާރްޓީއެލްގެ ފެރީގެ ހިދުމަތް ދޭން ފަށާފަ އެވެ.
ފެރީގެ ހިދުމަތަށް އެއް އަހަރުވީއިރު ހދ. އަތޮޅުގައި 101,802 މީހުން، ހއ. އަތޮޅުގައި 89,993 މީހުން، ށ. އަތޮޅުގައި 61,421 މީހުން އަދި ޅ. އަތޮޅުގައި 9,111 މީހުން ފެރީގެ ދަތުރުކޮށްފައިވެ އެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް ދެން އެންމެ އަވަހަށް ފަށާނީ ގއ. އަތޮޅާއި ގދ. އަތޮޅުގަ އެވެ. އެ ދެ އަތޮޅަށް ހިދުމަތް ދިނުމަށް ބޭނުންކުރާ ސްޕީޑް ލޯންޗްތަކުގެ ތެރެއިން ބައެއް ލޯންޗް މިހާރު ވަނީ ބަނދެފަ އެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
ޒޯން އެކެއްގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންދަނީ 30 ނޮޓްގެ ބާރުމިނުގައި ދަތުރުކުރާ 17 ފެރީ ބޭނުންކުރަމުންނެވެ. ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ބަނދެފައިވާ އެ އުޅަނދުތަކުގައި ހާއްސަ އެެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވެ އެވެ.
ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ވަނީ 65 ފެރީ ބަންނަން އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ދުވަހު 65 ފެރީ ބަންނަން އަލް ޝާލީއާ ހަވާލުކޮށްފައިވަނީ 537 މިލިއަން ރުފިޔާ އަށެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.