އޮބިޗުއަރީ

ހާރިޖީ ދާއިރާގެ ހިދުމަތްތެރިޔާ އާބިދާ އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް 40 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ހާރިޖީ ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ މ. އެންދެރިމާގެ، އާބިދާ އަހްމަދު އަވަހާރަވެެއްޖެ އެވެ.

އުމުރުފުޅުން 66 އަހަރުގައި އާބިދާ އަވާހަރަވީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

އާބިދާގެ ކަށު ނަމާދާއި ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

އާބިދާ އަވަހާރަވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އާބިދާ އަހްމަދަކީ ޚާރިޖީ ޓީމުގެ އެއް ތަނބު ކަމަށެވެ. އާބިދާގެ ހަނދާންތައް މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންނުދާނެ ކަމަށާއި އާބިދާ ނެތްކަމުގެ އިހްސާސް އަބަދުވެސް ކުރާނެނ ކަމުގައިވެސް ވިދާޅުވި އެވެ.

"ވަފާތެރިކަމާއި، ލޯތްބާއި، ޝައުގުވެރިކަމާއެކު 40 އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓްރީއަށް ހިދުމަތްކުރައްވާފައިވޭ. އާބިދާ އަކީ އެންމެންގެ އެކުވެރިއެއް،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އާބިދާގެ ސަރުކާރުގެ ފުރަތަމަ ވަޒީފާ އަކީ މުލިއާގޭ މެއިޑެއްގެ ވަޒީފާ އެވެ. އެއީ ނޮވެންބަރު 15، 1978 ގައެވެ. ފޮރިން މިނިސްޓްރީގެ ވަޒީފާއާ އޭނާ ގުޅިވަޑައިގަތީ އޮގަސްޓް 15، 1985 ގައެވެެ. ރިޓަޔާކުރައްވަންދެން ހުންނެވީ ފޮރިން މިނިސްޓްރީގަ އެވެ.