ސަރުކާރުގެ ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިއުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު ފެސްޓިވަލް މިއަދު ހުޅުއްވައިދެއްވަމުން ރައީސް ވަނީ ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީން ކުރައްވާފައިވާ އަގުހުރި ތާރީޚީ މަސައްކަތްތައް ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ. މިގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި، ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ފަންނުވެރިކަމަކީ އިންސާނީ ވަސީލަތް ތަރައްގީކުރުން ކަމަށާއި، އެއީ ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށެވެ. އަދި ގައުމު، ގައުމަކަށް ވަނީ ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމުގައި ވިދާޅުވި އެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވުމަކީ މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
"މިފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް ގައުމީ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ދާއިރާއެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލްގައި މިއަހަރު އަށް ގައުމަކުން 80 އަށް ވުރެ ގިނަ ފަންނުވެރީން ބައިވެރިވެ އެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓިވަލް ކުރިއަށް ދާނީ މެއި މަހުގެ އަށަކުން 13 އަށް ސޯޝަލް ސެންޓަރުގަ އެވެ.