މި އަހަރުގެ އެފްއެޗްއޭއެމް – ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ބޭރުގެ ސީޑީސީ އިވެންޓްސް އިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްދާނީ ބުދަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.
މި އިންޓަނޭޝަނަލް އެގްޒިބިޝަންގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭ ތަފާތު ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ދަނީ ދައްކާލުމުންނެވެ.
މި އެގްޒިބިޝްންއަކީ ރިސޯޓު، ހޮޓާ، ގެސްޓް ހައުސް، ރެސްޓޯރެންޓް އަދި ކެފެޓީރިއާތައް ހިންގާ ގިނަ ފަރާތްތަކާއި ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.
އެފްއެޗްއޭއެމްގެ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 75 އަށް ވުރެ ގިނަ ރިސޯޓުން 600 އަށް ވުރެ ގިނަ ޝެފުންގެ ބައިވެރިވުމާއެކު ބާއްވާ މުބާރާތެކެވެ.
ޗެފް ގިލްޑް އޮފް ލަންކާ އާއި ޗެފް ގިލްޑް އޮފް މޯލްޑިވްސްއިން ގުޅިގެން ބާއްވާ މިއިވެންޓަކީ ދިވެހިރާއްޖޭގެ ކަލިނަރީ މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް މުބާރާތެވެ.
ދިވެހިރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.