ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި އޭރު ރައީސް ސޯލިހްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔަކަށް ހުންނެވި އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ފިޔަވަޅު އެޅި ފަހުން މަގާމުގެ ކުރިއެރުން ދީފި އެވެ.
އަބްދުﷲ އިބްރާހީމަށް މިދިޔަ މާޗް 21 ވަނަ ދުވަހު ފިޔަވަޅު އެޅިއިރު އޭނާ ހުންނެވީ ކާނަލް ރޭންކްގަ އެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ބްރިގޭޑިއާ ޖެނަރަލް ރޭންކްގަ އެވެ.
އަބްދުﷲ އިބްރާހީމް އަށް މަގާމުގެ ކުރިއެރުން ލިބިފައިވާ ކަމަށް ސިފައިންގެ ބައެއް ބޭފުޅުންގެ ފަރާތުން އަވަސްއަށް އެނގިފައިވެ އެވެ.
އަބްދުﷲ އިބްރާހީމް އަށް މަގާމުގެ ކުރިއެރުން ދީފައިވޭތޯ ޔަގީންކުރުމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް ގުޅާލުމުން ވިދާޅުވީ ހަމަޖެހިފައި އުސޫލާ އެއްގޮތަށް ކުރިއެރުން ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިރަކު ދިން ކުރިއެރުމެއް ކަމެއް އަދި ކުރިއެރުން ދިނުމުގައި ބެލީ ކޮން ކަންތައްތަކަކަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި އަބްދުﷲ އިބްރާހީމް ސަސްޕެންޑް ކުރި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާތީ އިންފޮމޭޝަން އޮފިސަރު ވަނީ އެ މައުލޫމާތު ވެސް ދޮގުކުރައްވާފަ އެވެ. ނަމަވެސް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރި ކަމަށް ވިދާޅުވި އެވެ.
"ސަސްޕެންޑް ކުރުން އެއީ އެންމެ ރަނގަޅު ވާޑެއް ނޫން ކަންނޭނގެ. މަސްއޫލިއްޔަތުން އެކަހެރި ކުރީ،" އޮފިސަރު ވިދާޅުވި އެވެ.
ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު ހުރަސްއެޅުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އެންގެވުމަށް އެ މައްސަލަ ބެލުމަށް އެމްއެންޑީއެފް އިން ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލި އެވެ.
މިމައްސަލައާ ގުޅިގެން މިފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށް ޕްރެޒިޑެންސަލް ގާޑްސް ހިންގެވުން ވަގުތީ ގޮތުން މޭޖަ އިބްރާހީމް ހަލީމްއާ ހަވާލުކުރެވުނު ކަމަށް އެމްއެންޑީއެފް އިން މީގެކުރިން ބުނެފައިވެ އެވެ.
އަބްދުﷲ އިބްރާހީމްއާ ގުޅޭ މައްސަލަ ބެލުމަށްފަހު މައްސަލަ ނިމުނު ގޮތެއް އަދި އޭނާއާ މެދު އަމަލުކުރި ގޮތެއް އެމްއެންޑީއެފް އިން ފަހުން ހާމަކޮށްފައެއް ނުވެ އެވެ. މިއަދު މިކަމާ ގުޅިގެން ސުވާލުކުރުމުން އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެކަން އޮތް ގޮތެއް ބަލާލުމަށްފަހު މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.
ރައީސްގެ މޮޓޯކޭޑަށް ބޮޑުތަކުރުފާނު މަގުން، ދެކުނުން އިރަށް ދުއްވާފައި ދެވޭ ގޮތް ނުވުމުން ރައީސްގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި އެމްއެންޑީއެފްގެ ޕްރެޒިޑެންސަލް ގާޑްސްގެ ބޭފުޅުން ވަނީ ގާތްގަނޑަކަށް 15 މިނެޓް ފަހުން ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލާފަ އެވެ.