މާރިޔާ އަހުމަދު ދީދީ

ޒިންމާ އަޅުވަނީ އަންހެނަކަށް ވީތީ: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް މުޒާހަރާގެ ތެރެއިން ހުރަސްއެޅި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.

މާރިޔާ އަހުމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފްގައި އޮޕަރޭޝަނަލް ނުވަތަ ޓެކްނިކަލް ލެވަލް މައްސަލައެއް ދިމާވުމުން އެކަމުގެ ޒިންމާ ޑިފެންސް މިނިސްޓަރަށް އަޅުވަނީ އެކަމަނާއަކީ އަންހެނަކަށްވާތީ ކަމަށެވެ.

"އައިޖީއެމްއެޗުގައި އޮޕަރޭޝަނެއް ގޯސްވުމުން އެއްވެސް މީހަކު ހެލްތު މިނިސްޓަރު ބޮލަކަށް ނުޖަހާ، ފުލުހުން ގޯސްކޮށް ކަމެެއް ކުރީމާ ހޯމް މިނިސްޓަރު ބޮލަކަށް ނުޖަހާ،" މާރިޔާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ބަޔަކު ރައީސްގެ މޮޓޯކޭޑަށް ހުރަސް އެޅީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު މޮޓޯކޭޑްގައި ރައީސް ގެކޮޅަށް ވަޑައިގަންނަވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ގެކޮޅު -- ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ހުންނަ އިމާރާތާ ދެމެދުން ބޮޑުތަކުރުފާނު މަގުންނެވެ.

މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދަަށް ވަނީ މުއްދަތު ޖަހާފަ އެވެ.

މޮޓޯކޭޑް ސެކިއުރިޓީ ބްރީޗްވި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަގުތުން މަގާމުން ވަކިކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.