ފަހި ދިރިއުޅުން ކޯޕަރޭޝަން

4000 ފްލެޓް ނިންމަން އިތުުރު ލޯނެއް ނުނަގާނެ: އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތަރައްގީކުރާ 4000 ހައުސިން ޔުނިޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނުނަގާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހެން ބުނެފައި މިވަނީ 4،00 ޔުނިޓް ނިންމުމަށް އިތުރު ލޯނެއް ނަގާ ކަމަށް މިއަދު ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

ހަގީގަތް ހާމަކުރުމުގެ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 4،000 ފްލެޓްގެ މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނަގަން ނުޖެހޭނެ ކަމަށާއި އިތުރަށް ފައިސާ ހޯދަން އިތުރު ބޭންކަކަށް ވެސް ނުދާނެ ކަމަށެވެ. ފްލެޓްތައް ހެދުމަށް ލޯން ނެގީ މިހާރުގެ ސްކޯޕްގެ ތެރެއިން ފްލެޓްތަކުގެ ފިނިޝިންވެސް ހިމެނޭ ގޮތަށް ހުރިހާ މަސައްކަތެއް ނިންމާލެވޭ ގޮތަށް ކަމަށް ބަޔާނުގައިވެ އެވެ. ފްލެޓްތައް ނިމޭއިރު ދޮރުތަކާއި، ލައިޓްތަކާއި، ފަންކާތައް ހަރުކޮށް، ތަށިމުށި ޖަހައި، ކުލަލުމުގެ މަސައްކަތް ނިންމާ، ފާޚާނާ ފިޓިންގްސް ފުރިހަމަކުރުމާއި ފިނިޝިންއާ ގުޅޭ އެހެން މަސައްކަތްތައް ވެސް ހުންނާނީ ނިންމާފައި ކަމަށްވެސް ފަހު ދިރިއުޅުން ކޯޕަރޭޝަނުން ބުނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

މިއީ މިސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަމުންގެންދާ 4،000 ފްލެޓެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.

ކޮންމެ ޓަވަރެއް ވެސް ޑިޒައިންކޮށްފައި ވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ހިމަނައިގެންނެވެ. މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި އަށް ރެޒިޑެންޝިއަލް ޔުނިޓް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެ އެވެ.