ޕާކިސްތާން

އިމްރާން ހާންގެ ބަންދަށް އަށް ދުވަސް ޖަހައިފި

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އިމްރާން ހާން އަށް ދުވަހުގެ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

އިމްރާން ހާން ބަންދު ކުރަން އަމުރުކޮށްފައި މިވަނީ ޚިޔާނާތުގެ ތުހުމަތުގައި އަންގާރަ ދުވަހު އިމްރާން ހާން ހައްޔަރުކުރުމާ ގުޅިގެން މުޅި ޕާކިސްތާނުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ ވަގުތެއްގަ އެވެ.

އިމްރާން މިވަގުތު ހުންނެވީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕޮލިސް ގެސްޓް ހައުސްއެއްގަ އެވެ.

އިމްރާން ހައްޔަރުކޮށްފައިވަނީ ޕާކިސްތާންގެ އެންޓި ކޮރަޕްޝަން އެޖެންސީ ކަމުގައިވާ ނެޝަނަލް އެކައުންޓެބިލިޓީ އިން އޭނާއާ ހިޔާނާތުގެ މައްސަލައެއް ބަލަމުންދާތީ އެވެ.

ފުލުހުންގެ އެތައް ފައުޖުތަކަކާއި އަދި ޕެރަމިލިޓްރީ ބާރުތަކުން ރަޔަޓް ގިއަރުގައި ވަނީ ކޯޓު ސަރަހައްދު ހިމާޔަތް ކޮށްފަ އެވެ. އަދި ކޯޓަށް ދެވޭނެ ހުރިހާ މަގުތަކެއް ވަނީ ވަރުގަދައަށް ބަންދުކޮށްފަ އެވެ.

އިމާރްން ބަންދުކުރުމާ ގުޅިގެން އޭނާގެ ޕާޓީ -- ޕީޓީއައިގެ މެންބަރުން ފުލުހުންނާ ކުރިމަތިލައި ކުރި އިހުތިޖާޖުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ. އަދި ފުލުހުންގެ އިމާރާތްތަކަށާއި ސަރުކާރުގެ އެކި މަރުކަޒުތަކަށް ބަޔަކު ދަނީ ގެއްލުން ދެމުންނެވެ. ޕީޓީއައި އިން ވަނީ މުޅި ގައުމުގައި އިހުތިޖާޖު ކުރަމުން ދިއުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށާއި ކޯޓު ސަރަހައްދަށް އެއްވެ ހިމޭންކަމާއެކު އަޑު އުފުލުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

އިމްރާން އެންމެ މަގުބޫލު ދެ ސަރަހައްދު ކަމުގައިވާ ޕަންޖާބާއި ހައިބަރުޕަހުތުންހުވާގައި ވަނީ އަސްކަރީ ބާރުތަކުން ފޯރި މަރަން ފަށާފަ އެވެ. އެ ދެ ސަރަހައްދަށް އަސްކަރީ ބާރުތައް ގެނެވިފައިވަނީ ވަކި މުއްދަތެއް ނެތި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު އިމްރާންގެ ސަރުކާރު ވެއްޓުނު ފަހުން 12 ވަރަކަށް ކޮރަޕްޝަން މައްސަލަ ވަނީ އިމްރާންގެ މައްޗަށް އުފުލާފަ އެވެ. ބަންދު ހުކުމް އައިސްފައި މިވަނީ އޭގެއިން އެއް މައްސަލައިގަ އެވެ.

މި ހުރިހާ ތުހުމަތުތަކަށް އިމްރާން އަދި ޕީޓީއައި އިންވެސް ވަނީ ދެކޮޅު ހަދާފަ އެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މިއީ ސިޔާސީ ގޮތުން ކުރެވޭ ދައުވާތަކެއް ކަމުގައެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގައި މޯބައިލް އިންޓަނެޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިފެހެއްޓިފައިވާއިރު ގިނަ ސަރަހައްދުތަކުގައި ސްކޫލްތައްވެސް ވަނީ ބަންދުކުރެވިފަ އެވެ.