ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާ އައިސީސީޔޫގެ ހިދުމަތް ފަށައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރައްގީކުރި އާ އައިސީސީޔޫގެ ހިދުމަތް ފަށައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް އިމާރާތްކޮށްފައިވާ ތިން ފަންގިފިލާގެ "ކާނި ވިންގް" އިމާރާތު ހުންނަ ހަ އެނދުގެ މި އައިސީސީޔޫ ފެސިލިޓީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިއާމު އެވެ.

މީގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހިދުމަތް ދެމުން ދިޔައީ ތިން އެނދުގެ އައިސީޔޫއަކުން އެވެ.

އާ އައިސީސީޔޫ ފެސިލިޓީއާ ގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި އާ އައިސީސީޔޫއަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވިފައިވާ ޖާގަ ތަނަވަސް ފެސިލިޓީއެކެވެ.

ފެސިލިޓީ ފަރުމާކޮށްފައިވަނީ ބަލި މީހުންނަށާއި ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ދާއޫދު ވިދާޅުވި އެވެ.

ކުރީގެ އައިސީސީޔޫގައި އެނދުތައް އެކުއެކީގައި ބެހެއްޓިފައި ހުރި ނަމަވެސް މިހާރުގެ ފެސިލިޓީގައި އައިސޮލޭޓްކޮށް ފަރުވާ ދެވޭނެ ކަމަށް ދާއޫދު ވިދާޅުވި އެވެ. މީގެ އިތުރުން ޑައިލަސިސް ދޭންޖެހޭ ހާލަތުގައި އެކަންވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އާ އައިސީސީޔޫ ފެސިލިޓީގެ އިތުރުން "ކާނި ވިންގް" އިމާރާތުގައި ކުޑަކުދިންނަށް ހާއްސަ 15 އެނދުގެ ވޯޓަކާއި 15 އެނދުގެ މެޑިކަލް ވޯޑެއް ހުރެ އެވެ.