ހަބަރު

އިސްލާމާއި ޤުރުއާން ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ތަމްރީނުކުރަނީ

އިސްލާމް އަދި ޤުރުއާން ޓީޗަރުން ލިބުން ދަތި ރަށްތަކަށް ޓީޗަރުން ޔަގީންކުރުމަށް ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާ ގުޅިގެން ބްލޮކްމޯޑަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 80 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ޓީޗަރ ރިސޯސް ސެންޓަރ (ޓީއާރްސީ) ސެންޓަރު ތަކުގައި ގާއިމުކުރެވިފައިވާ ވީޑިއޯ ކޮންފަރެންސިން ގެ ނިޒާމުން ގުޅާލައިގެންނެވެ. އެހެންކަމުން ކޯހުގެ ބައިވެރިން ކިޔެވުމަށް ދާނީ ރަށާއި އެންމެ ކައިރީގައިވާ ޓީއާރްސީ ގައެވެ.

މި ޕްރޮގްރާމް ފެށުމަށް މިއަދު އެޑިޔުކޭޝަން މިނިސްޓްރީ ގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ހައްވާ ލަތީފް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމަކީ ދުރުގައި ހުރެގެން ކިޔަވާ ޕްރޮގްރާމެއް ނަމަވެސް ރަސްމީ ކެމްޕަސް ތެރޭގައި ހިންގާ ޕްރޮގްރާމްތަކާއި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށެވެ.

"ކިތަންމެ ދުރުގައި ހުރި ނަމަވެސް މި ވަސީލަތް މެދުކޮށް ކިޔަވައިދެއްވާ ޓީޗަރުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމާއި އެކު ކިޔެވުމަށް ބޭނުންވާ މައުލޫމާތު ހޯދައި އަދި ކޯހަށް ދޭންވާ ސަމާލުކަން ދިނުމަކީ މި ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ފުރިހަމަ ކުރުމަށް މުހިއްމު ކަންކަން." ހައްވާ ވިދާޅުވި އެވެ. އަދި މީގެ އިތުރުން، އުނގެނޭ އިލްމާއި އެކު ހެޔޮގޮތުގައި ނަފުސް ބައްޓަން ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް މި ބައްދަލުވުމުގައި ހައްވާ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ޑިޕްލޮމާ ފެންވަރަށް އިސްލާމް އަދި ޤުރުއާން ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ އަމާޒަކީ އިސްލާމް އަދި ޤުރުއާން ކިޔަވައިދިނުމަށް އިއުލާނުކުރުމުން ދާއިމީ ޓީޗަރުން ނުލިބޭ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މިފަދަ ސްކޫލުތަކުގައި ކޮންޓްރެކްޓް އުސޫލުން ނުވަތަ ވޭޖް އެމްޕްލޯއިމަންޓުގެ އުސޫލުން މިވަގުތު މަސައްކަތްކުރާ ފަރާތްތަކާއި އަދި ކިޔަވައިދިނުމުގެ ދާއިރާއަށް އަލަށް ގުޅޭ ފަރާތްތަކެވެ.

މި ޕްރޮގްރާމްގެ ދަށުން ހަތަރު ކޯހެއް ކުރިއަށްދާ އިރު، އޭގެ ތެރޭގައި ހިމެނެނީ ޑިޕްލޮމާ ފެންވަރަށް އިސްލާމް އަދި ޤުރުއާން އިން އެއް އަހަރު ދުވަހުގެ ތެރޭގައި ތަމްރީނުވުމުގެ ދެ ކޯހަކާއި ދެ އަހަރު ދުވަހުގެ ތެރޭގައި ތަމްރީނުވުމުގެ ދެ ކޯހެކެވެ.