ވާހަކަ

ނިވެމުންދާ ބައްތި

(އަންގާރަ ދުވަހުގެ ނޫހާ ގުޅޭ)

ސައުން ދެމިނެއްޓަށް އަޔަސް އުނދަގޫ ކުރާ ނަމްބަރުން ގުޅައެވެ. އެއީ ކާކުތޯ ދެނެގަތުމަށް އާލިޔާ މިހާތަނަށް ކުރި ހުރިހާ ކަމެއް ވަނީ ނާކާމިޔާބު ވެފައެވެ. ސައުން ނާންތާ ކިތަންމެ ދުވަހެއް ވިޔަސް އެނަމްބަރުން އެއްވެސް އުނދަގުލެއް ނުވެއެވެ. އެންމެ ފަހުން އާލިޔާ ނިންމީ ފޯނު ކޯލުތަކަށް ޖަވާބު ދިނުމަށެވެ. އަދި މެސެޖުތަކުގެ ޖަވާބުވެސް ދިނުމަށެވެ.

ވާހަކަ ދައްކައިގެން އެއީ ކާކުތޯ ބަލާ ޔަޤީން ކުރާށެވެ. އެހެން ނަމަވެސް އެކަން ވެސް ކާމިޔާބެއް ނުވިއެވެ. ވާހަކައެއް ނުދައްކައެވެ. ފޯނު ނަގައިފި ނަމަ ކުރަނީ މެސެޖެވެ. ލޯބިން ގޮސް ސަނާ ކިޔާފައިވާ އަސަރުގަދަ މެސެޖުތަކެވެ. މެސެޖުތައް ކިޔާ އެހެން މީހަކަށް އާލިޔާ ދަންނަ ފަރާތެއްގެ ގޮތުގައި މޭރުން ވާގޮތަށް އިބާރާތްތައް ގެނެސްފައި ހުންނަކަން ފާހަގަ ކުރެވުނެވެ. އެކަން ފާހަގަ ކުރެވުމުން ނަމްބަރު ބްލޮކު ކުރިއެވެ. އެކަމުގައި ވެސް އަލިމަގެއް ނުފެނުނެވެ. އިތުރު އާ ނަމްބަރަކުން މެދު ނުކެނޑި އެ މަސައްކަތް ކުރަމުން ދިޔައެވެ. އެމީހެއްގެ މަޤްޞަދަކީ ކޮބައިކަން އެއްގޮތަކަށް ވެސް އާލިޔާ އަކަށް ނުވިސްނުނެވެ.

އޮފީހަށް ނުކުތުމަށް ސައުން އިންކާރު ކުރާތި އޮފީހަކަށް ނުނިކުމެއެވެ. ގޭގައި ހުންނަން ވުމުން ފޫހިވާން ފެށިއެވެ. ބައެއް ފަހަރަށް ރައްޓެހިންނާއި ވައިބަރ، ފޭސްބުކުން ވާހަކަ ދައްކައިގެން ވަގުތު ކުރު ކުރަމުން ދިޔައެވެ. އެކަން ކޮންމެސް ވަރަކަށް ވައިގައި ހިފަމުން ދިޔައެވެ. ރޭގަނޑާއި ދުވާލު ފޯނުގައި ލޯވިއްދައިގެން އިންނަ އިނުން ގިނަވާން ފެށިއެވެ. ނަމަވެސް އެއީ އަޅުކަމަށް ދޭ ވަގުތުގެ އިތުރުންނެވެ.

ހިތް ހަމަ ނުޖެހުނު ނަމަވެސް އެކަން މަނާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެއީ އޭނަގެ މިނިވަންކަން ކަމަށް ދެކުނެވެ. މިޒަމާނުގައި އެފަދަ ކަމެއް މަނާކުރުމަކީ ފިރިންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. ޒަމާނަށް އަޕް ޑޭޓް ވުމުގައި ދެފާރާތް ވެސް ހަމަ ހަމައެވެ. އިރެއްގައި އަންހެނުންނަކީ ބަދީގޭގެނދަބުޅިޖަހާ ތަތްތެޅިގެން އޮންނަ ކަޅު ހޯނެއް ހެން އޮތް ދުވަސް މާޒިވެ، ހިނގައްޖެއެވެ. ހައްޤުތަކުގައި ދެފަރާތް ހަމަހަމަ ކަމަށް ދެކުން މިވަނީ އާއްމުވެ، އެންމެން ބަލައި ގަނެފައެވެ. އެހެން ކަމުން އަންހެނެއްގެ ހައްގަކަށް އުނިކަން ލިބިދާނެ ކަމަކަށް ފިރިއަކު ވިޔަސް އެރުމަކީ ކޮށްގެން ވާނެ ކަމެއްނޫނެވެ. އެފަދަ ކަމެއް ކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބައެއް މީހުން މާނަކުރެއެވެ. ގެވެށި އަނިޔާގެ ބައެއްގެ ގޮތުގައި ހިމެނި އަދަބު ލިބުންފަދަ ކަނަކަން އައްމުވާ މިޒަމާނުގައި އެކަމާއި ދެކޮޅު ހެދުމަކީ ސައުންނަށް ވިޔަސް ކުރެވޭވަރު ކަމަކަށް ނުވިއެވެ. އެހެން ނޫނަސް ސައުން ގަބޫލު ކުރާ ގޮތުގައި އާލިޔާއަށް ދޭންޖެހޭ ހައްގުތައް އެންމެ ރަނގަޅަށް ނުދެވެއެވެ. ވީއިރު އެފަދަ ކަންކަމުގައި ހިފައިގެން ޝަކުވާ ކުރުމުގެ ހައްގެއް ނެތެވެ.

ޓާމު ބުރޭކު ލިބުމާއެކުގައި ކުދިން ގޮވައިގެން ކޮންމެސް ތަނަކަށް ދާން ގަސްތު ކުރިއެވެ. އެއީ ކުރީފަހަރު ޗުއްޓީގައި ކަންތައް ދިމާވި ގޮތުން ކުދިން ހިތްހަމަ ނުޖެހި ތިބީމަމައެވެ. ކުދިންގެ އުފަލަށް އިސްކަން ދެވެމުން ދިޔައިރު އާލިޔާއާ އޮތް ގުޅުން ހީނަރުވަމުން ދިޔައެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު އުފަލެއް ލިބެމުން ދިޔައީ މިޝްކާ އަށެވެ. ޖަހަމުން ދިޔަ ހުރިހާ ދަންތުރައެއްގައި ސައުން ފިސާރި ރީތިކޮށް ޖެހެމުން ދިޔައެވެ. އަދި އެކަމުގެ ސަބަބުން އަނިޔާ ލިބޭ މީހަކަށް ވަމުން ދިޔައީ އާލިޔާއެވެ. ހިތުގެ ރުއިން އަޑު އަހާނެ މީހަކު ނެތި އެކަނި ވެރިވަމުން ދިޔައެވެ. ސައުންގެ ފަރާތުން ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ވަޒީފާއަށް ނުދިއުމުގެ ސަބަބުން މާލީގޮތުން އަތްމަތި ދިޔައީ ފަގީރު ވަމުންނެވެ.
ބޭރަށް ދިއުމަށްފަހު ހަފުތާއެއްގެ ތެރޭގައި ސައުން އެނބުރި އައެވެ. އެދަތުރަސްފަހު ކުރިން އޮތް ވަރުގެ ގާތް ކަމެއްވެސް ނެތެވެ. މިހާރު ފޯނުނަގަނީ ވެސް ހިތަސް އެރި ފަހަރަކުއެވެ. އެހެނވެ އާލިޔާވެސް ފޮނުކުރުން ހުއްޓާލިއެވެ. އަދި ނައިސްގެން ކުރާ ޝަކުވާތައް މަދުކުރަމުން މަދުކުރަމުން ގޮސް އެއްކޮށް ހުއްޓާލިއެވެ. މިކަމުން އުފާ ލިބޭ މިހަކަށްވީ މިޝްކާއެވެ.

ވައިގައި ހިފަމުން ދިޔަ ސިހުރު ހާހުރައިގެ ބޭނުން މިޝްކާ ކުރަމުން ދިޔައީ ދިރިއުޅުން އިތުރަށް އުޖާލާކޮށް ސައުންނާއި އޮތް ގުޅުން އިތުރަށް ބެދެހި ކުރުމަށެވެ. ދެވަނަ އަނބިމީހާގެ މަތިން ހިތް ކަނޑުވައި އެނާގެ އަމިއްލަ މިލުކަކަށް ހެދުމުގެ މަޤްޞަދުގައެވެ. އެކަން ކިތަންމެ ރަނގަޅަކަށް ވެސް ކާމިޔާބުވަމުން ދިޔައެވެ. ސައުންގެ އޮފީސް ފިޔަވާ ހުރިހާ ވަގުތެއް މިހާރު ހޭދަ ކުރަމުން ގެން ދަނީ ގޭގައެވެ. އަލިޔާއަކީ އަނތްބަކަށް ވާތީ ބައެއް ފަހަރަށް ހިތާ ދެކޮޅަށް އާލިޔާގެ ގެއަށް ޒިޔާރަތް ނުކުރެއޭ ބުނާކަށް ނުކެރޭނެއެވެ. ބަދަލުވަމުން ދިޔަ ތަޤުދީރުގެ ނިވަލުގައި ކުޅެމުންދާ އެއްވެސް ކުޅިވަރެއް ސައުންނާއި އާލިޔާ އަކަށް ނޭނގެއެވެ.

މިޝްކާގެ މަސައްކަތުން ކާމިޔާބު ނުވެފައިވާ އެއްކަމަކީ އެމީހުންނާއި އެއްސުފުރާ މަތީގައި އާލިޔާ ކައިބޮއި ހެދުމެވެ. އެދުވަސް އެގޮތަށް ހޯދަން ކިތަންމެ ވަރަކަށް ވެސް އެދުނެވެ. ފަސޭހަކަމާއެކުގައި ޞިހުރުގެ ދަންތުރައިގައި އާލިޔާ ޖައްސަން ބޭނުން ވާތީއެވެ. އާލިޔާ ގެއަސް ގެނައުމަށްއެދެމުން ދިޔައެވެ. ހަފުތާ ބަނދަށެވެ. އެކުގައި ދެމީހުން އުޅެން ބޭނުންވާ ކަން ހާމަކޮށް ލޮލުގައި އަނދުން އަޅުވަމުންނެވެ. އެކަމަށް ސައުން ވެސް އާލިޔާގެ ކިބައިން އެދެމުން ދިޔައެވެ.
އެހެން ނަމަވެސް އެކަމަށް އާލިޔާ ދިޔައީ އިންކާރު ކުރަމުންނެވެ. ދެވަނަ ފަހަރަށްއެގެއަސް ދާން ބޭނުމެއްނުވިއެވެ. ޒޯޔާގެ ޒީލަގަދަ ބަހުގެ ކިތަނަމެ ހަމަލާއެއް އާލިޔާއަސް ވަނީ ލިބިފައެވެ. އެއީ ކޑަކުދިންނަށްވެފައި އެކުދިންގެ ހިތް ނުބައި ވަސްވާސްތަކުން ކިލަނބު ކޮށް ނުބައި ކަންތައްތަކަށް ހުށައެޅުމުގެ ފުރުޞަތު ފަހި ކުރާން ބޭނުން ނުވީއެވެ. މީގެ އިތުރުން އެތައް ކަމަކަށް ދިޔައީ ޝައްކު ކުރެވެމުންނެވެ.
ހަޤީގަތް ނޭނގުނު ނަމަވެސް އާލިޔާގެ ހިތް ދިޔައީ މިޝްކާއާއި މެދު ކިލަނބު ވަމުންނެވެ.

ސައުން އާލިޔާ ކައިރިއަށް އަންނަ ވަގުތު ތަކާއި އެކަންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ މިޝްކާއެވެ. ފޯނުން އެކުރާ އުނދަގޫތަކުގެ އަޑީގައި ހުރީ މިޝްކާ ކަމަށް އާލިޔާގެ ހިތް ބުނެދެމުން ދިޔައެވެ. ފިރިހެނަކު އެނިޔަތުގައި ކުރާ ކަމެއް ނަމަ ފޯނު ނަގައިގެން ވާހަކަ ދައްކަން ފެށުމުން އޭނަގެ އެ ޖަޒުބާތުތައް ހިތުގައި ފޮރުވައިގެން ނުހުރެ ވޭނެ ކަން އާލިޔާއަށް އެނގެއެވެ. ހުޝާމަދާއި ތައުރީފުގެ މެސެޖު ތަކަކުން ހަމައެކަނި ލޯބި ފާޅުކޮށްގެން ނުހުރެވޭނެތީއެވެ. އެކަމާ މެދު ޝައްކު ކުރެވެމުން ދިޔައެވެ. އެކަން ސައުންނާއި ޙިއްޞާ ކުރަން ކިތަންމެ ފަހަރަކު ބޭނުންވިއެވެ. އެހެން ނަމަވެސް އާލިޔާއާއި މެދު ޝައްކުގެ ނަޒަރަކުން ދެކުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެގޮތަށް އެކަން ކުރަން ނުކެރުނީއެވެ.

އާލިޔާގެ ފޯނަށް އުނދަގޫ ކުރުން ވަނީ މީގެ ދެމަހެއް ކުރިން ހުއްޓިފައެވެ. އެއީ ސައުން ވެސް އާލިޔާ ކައިރިއަށް އައުން ހުއްޓާލި ހިސާބުންނެވެ. ސަބަބަކީ އާލިޔާގެ ޝަކުވާތަކެވެ އިންސާނަކަށް ވާއިރު އިންސާނީ ގޮތުން އަނތްބަކަށް ބޭނުންވާ ހައްޤުތައް ނުލިބޭ ނަމަ އަބަދު ކެތްކުރުމަކީ ވާނެ ކަމެއްނޫނެވެ. ކޮންމެސް ދުވަހަކުން ހިތުގެ ޖަޒުބާތަށް ބޭރަށް ނުކުތުމަކީ ނުވެނުދާނެ ކަމެކެވެ.

އެގޮތުން އެންމެފަހުން ސައުން އާލިޔާގެ ކައިރިއަށް އައި ދުވަހު އާލިޔާ ސައުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވަނީ ދީފައެވެ. ސައުން ބޭނުން ނުވާ ނަމަ ވަރިކުރުމަށް އެދިފައެވެ. އަދި އެގޮތަށް ކަސްތޮޅު އެޅިގެން އުފާތަކުން މަހުރޫމުވެގެން އިންނަން ބޭނުން ނުވާކަން ހާމަ ކޮށްފައެވެ. ކުދިން ތިއްބާ ދިރިއުޅުން އޮޔާ ދަނިކޮށް ދިރި ހުރުމުގެ ހިތްވަރު ދިނީ އާލިޔާ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. ވިޔަފާރި ބަނގުރޫޓް ނުވެ، އަދި މިޝްކާއާއި ކުދިން ދުރު ވިޔަ ނުދިނުމަށް ކުރި ހުރިހާ މަސައްކަތެއް ކުރީ އާލިޔާ ކަމަށް ބުނެ، ކަލަ ގޮވާފައެވެ. އެކަމާއި ސައުން ހިތް ހަމަނުޖެހި ހުރެ ނުކުމެގެން ދިޔަ ގޮތަށް ފޯނެއްވެސް ނުކުރެއެވެ. އާލިޔާގެ ހާލެއް ވެސް ނުބަލައެވެ. ނުކުމެގެން ދިޔަފަހުން އެންމެ މެސެޖެއް ލިބުނެވެ. އެ މެސެޖުގައި ވަނީ އާލިޔާ އެދޭ ގޮތަށް ވަރަށް އަވަހަށް ހައިދައި ދޭނެ ކަމުގެ ހިތި ޚަބަރެކެވެ.
ނަމަވެސް ވޭތު ވެގެން ދިޔަ މަސްދުވަހުގެ ތެރޭގައި އެއްވެސް ޚަބަރެއް ނުވުމުން އާލިޔާ ވެސް އެކަމާ އަޅައެއް ނުލިއެވެ.

މިހާރު އާލިޔާ ވިސްނަމުން ދިޔައީ އަމިއްލަ ދިރި އުޅުމަކާއި މެދުގައެވެ. އަމިއްލަ ފައި މައްޗަށް ތެދުވުމަށެވެ. އެކަން އެގޮތަށް ކުރަން މިހާރު ވަނީ މަޖުބޫރުވެފައެވެ. ދީބަލަ ދީބަލަ ކިޔައިގެ ދިރިއުޅުމުގެ އަސާސި ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާ ހޯދާނެ މަގު ވެސް އެ ބަންދުވީއެވެ. އެހެން ނޫނަސް މިޒަމާނުގައި ދީބަލަ ދީބަލަ ކިޔައިގެން ފިރިން އަތުން ފައިސާ ހޯދައިގެ ދިއުޅުމުގެ ޒަރުރީ މުޚުތާދުތައް ފުއްދުމަށް އަންހެނުން ދެކޮޅު ހަދައެވެ. ފުދުން ތެރި ދިރިއުޅުމަކަށް ލޯބި ކުރެއެވެ. ތައުލީމީ ކޮންމެ އަންހެނަކު ވެސް ބޭނުންވަނީ ވަޒީފާއެވެ. ބޭނުން އިރަކު ބޭނުން ކަމެއް ކުރުމުގެ ތަނަވަސްކަން އަތުގައި އަބަދުވެސް ހުރުމަށެވެ. މުއްބާރު ފިރިންގެ އަޅަކަށް ވެގެން ދިރިއުޅުމުގެ ކަންތައްތައް ނުފުދިފައި އިންނަ އިނުމަށް މިވަނީ ނިމުން އައިސްފައެވެ. ފުނިޖެހި ގޯޅިކަންމަތި ތަކާއި ވައިއަނގަ ތަޅާ، ޕާޓި ހަރުގެ ތަކުން ފެންނަ ފިރިހެނުންގެ އަދަދު ގިނަވަމުންދާ ދިއުމަކީ ފިރިން އަންހެނުންނަށް ބަރޯސާވާ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި އާލިޔާއަށް ވިސްނި ފާހަގަ ކުރެވުނެވެ. އެފަދަ މަނަޒަރުތައް ފެނުމުން ކުދި ކިޔާ އަންހެނުންގެ ލިސްޓުގައި އާލިޔާވެސް ހިމެނެއެވެ. ފަހަރެއްގައި ވެސް ސައުންނަކީ އެކަހަލަ މީހަކަށް ވާތީއެއް ނޫނެވެ. އިޖުތިމާއި ވިސްނުމަކުން ވިސްނާފައެވެ.

ސައުންނާއި އާލިޔާގެ އެންމެ ފަހު ބައްދަލުވުމަކީ ހިތާމަޔާއި ހިތްދަތިކަން ގެނުވި ވަކިވުމެކެވެ. އެހެން ނަމަވެސް ތަގުދީރުގެ ރޭވުން ތެރިކަން އެއަށް ވުރެ ބޮޑެވެ. އެކަލާނގެ ހާލަތު މާ ރަނގަޅަށް ބައްލަވާ ވޮޑިގެން ވެއެވެ. ނިއުމަތުގެ ގޮވަތިން އެކަލާންގެ އަޅުތަކުން މަހުރޫމު ނުކުރައްވައެވެ. ހިތާމަޔަކަށް ފަހު އުފަލެއް ލިބުމަކީ އެކަނލާނގެ ރޭވުން ތެރިކަމުގެ ޕުލޭނަށް އިންސާނާ ކެތްތެރި ވަމުންދާ މިންވަރު އިމްތިހާން ކުރެއްވުމެވެ. ބަދަލުވަމުން ދިޔަ ދިރިއުޅުމުން ކުރިމަތިވަމުން ދިޔަ ހުރިހާ އިމްތިހާނެއްގައި ވެސް އާލިޔާ ކެތްތެރިކަން އިސްކުރިއެވެ. ރޮއި ޝަކުވާ ކުރުމުގެ ސަގާފަތަށް ނޫނެކޭ ބުނަމުންނެވެ.

ސައުންނަށް އާލިޔާއާ ވަކިވުމަކީ އެހާ ހިތްފަސޭހަ ކަމަކަށް ނުވިއެވެ. މެސެޖު ކުރި ފަހުން އާލިޔާގެ ކުރިމައްޗަށް ދާކަށްނުކެރުނެވެ. އާލިޔާގެ ވިހަގަދަ ޖުމުލަތަކުން ސައުންނަކީ ކިހާ މަގާމެއްގައި ހުރި މީހެއްކަން ވިސްނި ލަދުވެތި ވެވުނީއެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔައިރު ވެސް ރަނގަޅު ނިންމުމެއް ނުނިންމުނެވެ.

އެންމެ ފަހުން ބޭރުން ލިބުނު އޮފަރ އަކަށް ސައުންގެ މުޅި ވިޔަފާރި އަވަށްޓެރި ޗައިނާ އަށް ބަދަލު ކުރިއެވެ. ވިޔާފާރީގެ ރޮނގުން ލިބޭ ކުރިއެރުމަކަށް ވާތީ ޖޮއިން ޕާޓުނަރ އެއްގެ ގޮތުގައި މުޅި ވިޔަފާރިގެ ހިއްޞަ ވިއްކާލުމަށް ފަހު ދިރިއުޅުން ވެސް ރާއްޖެއިން ބޭރަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅެން ފެށިއެވެ. ދެ މަޤުޞަދެއްގައެވެ. އެއްކަމަކީ އާލިޔާއައި ވަކިވެ، ކުދިންނާއި އެކުގައި ރަނގަޅު ދިރިއުޅުމެއް އުޅުމެވެ. އެކަން އެގޮތަށް ކުރުމަށް އެ ހުރީހާ ހިތްވަރެއް ދިނީ މިޝްކާއެވެ.

މިޝްކާގެ ރޭވުން ތެރިކަމު އަޑީގައި ވަނީ އާލިޔާ، ސައުންގެ ހަޔާތުން އުމުރަށް ނެރެ، އެއްލާލުމެވެ. އޭނާ ހަދަމުން ދިޔަ ބޫގަލު ތަކުގައި އާލިޔާ ޖައްސަން ކުރި ހުރިހާ ކަމެއްވީ ނާކާމިޔާބެވެ. އެކަމުން ލިބުނު ގެއްލުމުގެ ފައިދާ ނަގާނެ ފުރުޞަތެއްގެ ގޮތުގައި އެކަން ބޭނުން ކުރިއެވެ.
އާލިޔާއަކި ޝައިޠާނީ ވިސްނުމުގެ ކުއްޖެއް ނޫނެވެ. ނަމާދާއި އަޅުކަން އެއީ ދިރިއުޅުމުގެ އެއްބައި ކަމުގައި ދެކެގެން އެގޮތަށް ދިރިއުޅުން ބައްޓަން ކޮށްފައިވާ ކުއްޖެކެވެ. ވީމާ އެފަދަ ޖާދުގަރުންގެ ނުބައި ރޭވުން ތަކުން ރައްކާތެރިކަން ލިބިފައި ވަނީ ﷲގެ މިންވަރު ފުޅުންނެވެ.
އެހެންކަމުން އެންމެފަހުން ސައުންނަށް މިޝްކާ ދިން ލަފަޔަކީ ދިރިއުޅުން ބަދަލުކުރުމެވެ. އެއްފަސްގަނޑެއްގައި ދިރިއުޅެން ޖެހިފައި ވުމުން ހިތަށް ތުރާ ލިބެމުން ދިޔަ ސައުންނަށް އެކަންވީ ވަރަށް ގަޔާވާ ކަމަކަށެވެ. އެންމެ ފަހުން ކުދިންނާއއި އެކުގައި ދިރިއުޅުން ބަދަލު ކުރުމުގެ ހުރިހާ ކަމެއް ނިންމިއެވެ. ގޯތި ދިގު މުއްދަ ތަކަށް ކުއްޔަށް ދިނުމަށް ފަހުގައެވެ. ހުރިހާ ހިސާބު ކިތާބެއް ނިންމާ އަތްދޮވެ ލެވުނު އިރު ނުނިމި ވަނީ އެންމެ ހިސާބެކެވެ. އާލިޔާއާއި ސައުންނާއި ދެމެދުގައިވާ ކައިވެނީގެ ގުޅުން މޮހާލުމެވެ. އެގޮށް ޖެހުނީ އެހާ ވަރުންނެވެ. އެހެން ކަމުން ގޮށް މޮހާލުމަކީ ވެސް ފަސޭހަ ކަމަކަށް ނުވިއެވެ.

ހުރިހާ ކަމަކަށް ލަފާދީ ހިޔާލު ހިއްޞާ ކުރީ މިޝްކާއެވެ. އެކަމާއި ގުޅޭގޮތުން ޗުއްޕު ވެސް ބުނާކަށް މިޝްކާ އަކަށް ނުކެރުނެވެ. ތުން ފިއްތަ ފިއްތާ ޖެހުނީ ހުންނާށެވެ. ސައުން އެއްކޮށް މިލުކުވީ ކަމުގެ އިހުސާސް މިޝްކާ އަކަށް ނުކުރެވުނެވެ. އެ ކައިވެނީގެ ސަބަބުންނެވެ. އާލިޔާ ވަރި ކުރާނެ ގޮތަކާއި މެދު އިތުރު ވިސްނުން ވިސްނަން ވަނީ މަޖުބޫރު ވެފައެވެ.

ސައުން ރާއްޖެއިން ބޭރަށް ބަދަލުވުމުގެ ކުރިން އާލިޔާއާއި ބައްދަލުކުރަން ހިތްއެދުނެވެ. އެހެން ނަމަވެސް ދެމެދުގައި ވާ ދުރުކަން އެހުރިހާ ކަމަކަށް ހުރަސް އެޅިއެވެ. ކުރިން ހުރި ހިތްވަރުވަނީ ގޮސްފައެވެ. ފިނޑި މީހެއްގެ ގޮތުގައި މާނަކުރެވެމުން ދިޔައެވެ. ކުރިން އެހުރިހާ ހިތްވަރެއް ދިނީ އާލިޔާއެވެ. މިއަދު ސައުންނާއި އެއްކޮޅަށްތަރުޙިބުދޭކަށް އާލިޔާއެއް ނެތެވެ. ޚުދު ކުރިމަތިލާން މިޖެހެނީ އާލިޔާއާއެވެ ވީމާ ނުކެރުމާ އެކު ފިޔަވަޅު އެޅެނީ ފަހަތަށެވެ. ފަހުން އާލިޔާއާ ވާހަކަ ދައްކައިގެން އާލިޔާ ބޭނުންވާ ގޮތަކީ ކޮބައިތޯ ބަލާނީ އޭ ހިތަސް އެރިއެވެ. ހިތް އެދުނު ގޮތަށް އިޖާބަ ދިނެވެ. ވީމާ ރޭވެމުން ދިޔަ ދަތުރުގެ ކަންތައް ތަކުގައި ސައުން ބިޒީ ވަމުން ދިޔައެވެ.

އާލިޔާއަކީ މިހާރު ކުރީގެ އަލިޔާއެއް ނޫނެވެ. ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލާއި އެކުގައި ހިތަށް ބަޔާން ކުރަން ނޭނގޭ އުފާ ލިބެމުން ދިޔައެވެ. ނަމަވެސް އެ އުފަލުގައި ހިއްޞާ ކުރާނެ އިތުރު ބައިވެރިއެއް ނެތެވެ. ހުރިހާ ހިތްވަރެއް ލިބެމުން ދިޔައީ މަންގެ ފުށުންނެވެ. އަޅާލުމެވެ. ލޯތްބެވެ. ނިކަމެތިކަމާއި އެކަނިވެރިކަމުގެ ހައިހޫނުކަން ފިލުވައިދެމުން ދިޔައީ އުއްމީދުތަކެވެ. މަންމައާ ދެ ބަސްވެވޭ އޮތީ އެންމެ ކަމެކެވެ. ސައުންނަށް އެދި އާދޭސް ކުރުމެވެ. އާލިޔާ ސައުންނާއި ނުލައި ދިރިއުޅުމަކީ މަންމަ ރުހޭ ކަމެއް ނޫނެވެ. ކިތަންމެ ފަހަރަކު މީހަކު ފޮނުވައިގެން ސައުންނަށް ވިސްނައިދޭން މަންމަ މަސައްކަތް ކުރަން އުޅުނެވެ. އެ ހުރިހާ ފަހަރަކު ވެސް އެކަން ހުއްޓާލަން ޖެހެނީ އާލިޔާގެ ރުއިމަށް ކެތް ނުވެގެންނެވެ. ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އެ ކަރުނައިގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި އާލިޔާ އެކަންޏަށް ކަމަށް ނުވާނެތީއެވެ. މިއަދު އެއީ އެކަނި އިން ނަފުސެއް ނޫނެވެ. (ނުނިމޭ)