ތައިލެންޑްގައި އިއްޔެ ބޭއްވި ޕާލިމަންޓްރީ އިންތިހާބުގައި މޫވް ފޯވާޑް ޕާޓީ -- އެމްއެފްޕީ އިން އިންތިހާބުގައި ކުރި ހޯދައިފި އެވެ.
ތައިލެންޑުގައި އިއްޔެ ބޭއްވުނު އިންތިހާބުގައި ޕާލިމަންޓުގެ ތިރީ ގޭގައި 500 ގޮނޑިއަށް ސިޔާސީ ޕާޓީ ތަކުން ވާދަކުރި އިރު 52 މިލިއަން މީހުންނަށް މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ.
މިހާތަނަށް އިލެކްޝަން ކޮމިޝަނުން ގުނާފައިވަ ވޯޓުތަކުގެ ނަތީޖާ ދައްކާ ގޮތުން އިދިކޮޅު ދެ ޕާޓީ އިން ވަނީ މާބޮޑަށްވެސް ކުރިއަށް ޖެހި އަސްކަރިއްޔާގެ ތާއީދު އޮތް މިހާރުގެ ބޮޑުވަޒީރު ޕްރަޔޫތް ޗަން-އޯޗާ ބަލިކޮށްފަ އެވެ.
ވޯޓުލީ ތަންތަނުގެ 97 ޕަސެންޓް ގުނާ ނިމިފައިވާއިރު އެމްއެފްޕީ އިން 13.5 މިލިއަން ވޯޓް މިހާތަނަށް ހޯދާފައިވެ އެވެ. ވާދަވެރި ފިއު ތައި އިން ވަނީ 10.3 މިލިއަން ވޯޓް ހޯދާފަ އެވެ.
މި ދެ ޕާޓީގެ ފަހަތުން މިހާރުގެ ބޮޑުވަޒީރު ޕްރަޔޫތްގެ ޔުނައިޓެޑް ތައި ނޭޝަން ޕާޓީއަށް ލިބިފައިވަނީ 4.5 މިލިއަން ވޯޓެވެ.
"ރައްޔިތުންގެ ބޮޑު ތާއީދެއް އެމްއެފްޕީ އަށް މުޅި ގައުމުން މިވަނީ ދީފައި،" ހާވާޑުން ކިޔަވައި ވިދާޅުވެފައިވާ އެމްއެފްޕީގެ ލީޑަރު ޕިޓާ ލިމްޖަރޮއެންރެތް ވިދާޅުވެފައިވެ އެވެ.
އެމްއެފްޕީ އިން ދެވަނައަށް ދިޔަ ފިއު ތައި ޕާޓީ އާއިއެކު ކޯލިޝަނެއް ހެދުމަށް ވާހަކަ ދައްކާނެ ކަމަށާއި، އެއީ "ޔަގީނުންވެސް އޮތް ކާޑެއް" ކަމަށް 42 އަހަރުގެ ޕިޓާ ވަކިން އިތުރު ބަޔާނެއްގައި ހާމަކޮށްފައިވެ އެވެ.
ފިއު ތައިގެ ލީޑަރު ޕައިތުންތަރުން ޝިނަވަތްރާ ވަނީ އެމްއެފްޕީ އިން ހޯދި ކާމިޔާބަށް މަރުހަބާ ކިޔާފަ އެވެ. އަދި އެ ޕާޓީ އާއިއެކު މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
"އަހަރެމެން އެމްއެފްޕީ އާއެކު ވާހަކަ ދައްކަން ތައްޔާރު. އެކަމަކު އަދި މި މަޑުކުރަނީ އިންތިހާބުގެ ރަސްމީ ނަތީޖާއަށް ފަހު އެކަންކުރަން،" އެކަމަނާ ވިދާޅުވެފައިވެ އެވެ.
ތައިލެންޑްގެ އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ޕާޓީތަކަށް ލިބުނު ގޮނޑީގެ އަދަދު އިއުލާން ކުރުމަށް އެތައް ހަފްތާއެއް ނަގާނެ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ތައިލެންޑުގެ މުރާސިލުން ލަފާކޮށްފައިވާ ގޮތުން އެމްއެފްޕީ އިން 113 ގޮނޑި ހޯދާނެ އެވެ. ފިއު ތައި އިން 112 ގޮނޑި ހޯދާނެ ކަމަށް ބެލެވެ އެވެ.
ޕައިތުންތަރުންގެ ބައްޕަ އަދި ތައިލެންޑްގެ ބިލިއަނަރު ތަކްސިން ޝިނަވަތްރާ އިސްވެ އުފައްދާފައިވާ ފިއު ތައި ޕާޓީ އިން އިންތިހާބަށް ކުރި މަސައްކަތާ އަޅައިބަލާއިރު މިއީ ސިހުން ގެނުވި ނަތީޖާ އެކެވެ.
އެމްއެފްޕީ އާއި ފިއު ތައި ޕާޓީން ކާމިޔާބު ހޯދިނަމަވެސް އަސްކަރިއްޔާއިން ފަރުމާކޮށްފައިވާ މިހާރުގެ ގާނޫނުއަސާސީ އޮންނަ ގޮތުން މި ދެޕާޓީއަށް ވެރިކަމުގެ ބާރުތަކާ ހަވާލުވުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ކަނޑައަޅަނީ ޕާލިމަންޓްގެ ތިރީގޭގެ 500 ގޮނޑިއާއި އަސްކަރިއްޔާ އިން ކަނޑައަޅާ ސެނެޓްގެ 250 ގޮނޑީގެ ތެރެއިން ގުޅިގެން ނަގާ ވޯޓެއްގަ އެވެ. އެހެންކަމުން އަސްކަރިއްޔާއިން ބޭނުންވާ ގޮތަކަށް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ.
މިހާރުވެސް ތައިލެންޑްގައި އެފަދަ ގޮތަކަށް ދަނީ ވާހަކަ ފެތުރެމުންނެވެ. އަދި ކުރީގެ އެމްއެފްޕީ - ފިއުޗާ ފޯވާޑް ޕާޓީ އިން 2019 ގައި ބޮޑު ކާމިޔާބެއް ހޯދާފައި ވަނިކޮށް ކޯޓު އަމުރަކުން އެ ޕާޓީ އުވާލާފައިވާތީ މިފަހަރު މޫވް ފޯވާޑް ޕާޓީއަށްވެސް އެހެން ވެދާނެ ކަމަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.