(ބެންކޮކް، ތައިލޭންޑް) ފާއިތު ހަފުތާތަކުގެެ ތެރޭގައި ތައިލޭންޑުގައި ސަރުކާރާއި ދެކޮޅަށް ހިނގި އެންމެ ބޮޑު މުޒާހަރާ އިއްޔެ ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ކޮށްފި އެވެ. މިއީ 2014 ވަނަ އަހަރު މިލިޓަރީ އިންގިލާބަށް ފަހު ބޮޑު ވަޒީރު ޕްރަޔޫތު ޗަަން އޮޗާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އެ ގައުމުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ އެވެ.
އެތައް ހާސް ބަޔަކު ވަނީ ބެންްކޮކްގެ ތަމާސަޓް ޔުނިވާސިޓީގެ ކެމްޕަސް ކައިރިއަށް އެއްވެފަ އެވެ. މި ޔުނިވާސިޓީއަކީ އެތައް ޒަމާނެއް ވަންދެން ތައިލޭންޑުގެ ތާރީހުގައި ޑިމޮކްރެސީ ރަމްޒު ކޮށްދިން ތަނެކެވެ. މި މުޒާހަރާ ގައި 10000 މީހުންނަށް ވުރެ ގިނައިން ބައިވެރި ކަމަށް ލަފާކޮށްފައި ވެއެވެ. އަދި އެމީހުން މިއަދާ ހަމަޔަށް އެތާގައި ތިބޭނެ ކަމަށް މުޒާހަިތރާ ކުރާ މީހުންގެ ފަރާތުން ބުނެފައި ވެއެވެ. ފުލުހުންނާއި މުޒާހަރާ ކުރި މީހުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުމެއް ހިނގާފައި ވެއެވެ.
"މިއަދު އަހަރެމެން ބޭނުންވާ ކަންތައްތަކަށް އެދޭނަން. ގައުމުގެ ރައްޔިތުންގެ ހައިސިއްޔަތުން އަހަރެމެންގެ ހައްގު ހޯދަން މަސައްކަތް ކުރަަން މިތިބީ ތައްޔާރަށް. އަހަރެމެން ހުއްޓުވައެއް ނުލެވޭނެ. އަހަރެމެން މިހާރު ވަނީ ފުރަތަމަ މަރުހަލާ ކަޑައްތު ކޮށްފައި. އަދި ދެން ހުރި މަރުހަލާތައް ވެސް ކަޑައްތުކޮށް ގައުމަށް ޑިމޮކްރަސީ އަންނަންދެން މަސައްކަތް ކުރުމަށް މިތިބީ ތައްޔާރަށް،" ކިޔަވާ ކުއްޖެއް ކަމުގައިވާ ޗިވަރަކް ބުންޏެވެ. އޭނާއާއެކީ ގިނަ އަދަދެއްގެ ކިޔަވާ ކުދިން ޔުނިވާސިޓީ ކައިރީގައި މުޒާހަރާ ކުރަން ތިއްބެވެ.
ކިޔަވާ ކުދިން އިސްވެ ހިންގާ ސަރުކާރާއި ދެކޮޅު މި ހަރަކާތުގައި ތައިލޭންޑުގެ ބާރުތައް ބެހިފައިވާ ގޮތައް ތިން އިސްލާހެއް ގެނައުމަށް ގޮވާލާފައި ވެއެވެ. އެއީ ޕާލަމެންޓް އުވާލުމާއި ސިފައިން އިސްކޮށްތިބެ ހަދާފައިވާ ގާނޫނު އިސްލާހުކޮށް އަލުން އެ ގާނޫނު ލިޔުމާއި ސަރުކާރަށް ފާޑު ކިޔާ ހިޔާލު ފާޅުކުރާ މީހުންނަށް ބިރު ދެއްކުން ހުއްޓާލުމެވެ.
މުޒާހަރާ ކުރާ މީހުން ވަނީ ތައިލޭންޑުގެ ބާރުގަދަ ވިރާސީ ރަސްކަމަށް ވެސް އިސްލާހުތައް ގެނައުމަށް ގޮވާލާފަ އެވެ. އެގޮތުން ރަސްގެފާނަށް އޮންނަ ބާރުތައް ކުޑަ ކުރުމަށް އެދިފައި ވެއެވެ. ތައިލޭންޑުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ޝާހީ އާއިލާ ވަނީ ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފަ އެވެ. މިގޮތުން ރަސްގެފާނު ނުވަތަ ޝާހީ އާއިލާއަށް ފާޑުކިޔައިފި މީހެއް އެންމެ ގިނަވެގެން 15 އަހަރައް ޖަލަށް ލެވޭނެ އެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށުނީ ޖުލައި މަހުގެ މެދުތެރޭގަ އެވެ. އެކަމަކު މިދިޔަ ފެބްރުއަރީ މަހު ތައިލޭންޑުގެ އެންމެ މަތީ ކޯޓުން ފިއުޗާ ފޯވަޑް ޕާޓީ އުވާލުމާއި ގުޅިގެން މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ ޕާޓީއަކީ 2019 ވަނަ އަހަރުގެ ޕާލަމެންޓަރީ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޕާޓީ އެވެ. އެ ޕާޓީއަކީ މިހާރުގެ އިސް ސިޔާސީ ފަރާތްތަކަށް ހުރި ނުރައްކަލަކަށް ވުމުން އުވާލީ އެވެ.