ނައިޖީރިއާ

ދިރިއުޅުމުގެ ހަރަދު މައްޗަށް ދާތީ ނައިޖީރިއާގައި މުޒާހަރާކުރަނީ

ނައިޖީރިއާގެ އެކި ސަރަހައްދުތަކުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކުރަމުންދާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފި އެވެ.

މި މުޒާހަރާތައް ކުރަމުންދަނީ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ކަމަށް ބުނެ އެވެ.

މުޒާހަރާކުރާ ފަރާތްތަކުން ބުނި ގޮތުގައި ތެލުގެ އަގު ބޮޑުވުމާއި، ޑޮލަރުގެ އަގު މައްޗަށް ދިއުމާއި އަދި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ދިރިއުޅުން ވަނީ ދަތިވެފަ އެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް، ފަގީރުކަމުގެ ހިތި ބޭސް ބޯންޖެހޭ ހިސާބަށް ހާލަތު ވެއްޓިފައިވެ އެވެ.

މުޒާހަރާތައް ކުރިއަށް ގެންދިޔައީ ނައިޖީރިއާގެ އެކި ސަރަހައްދުތަކުގަ އެވެ. މީގެ ތެރޭގައި އިބަދަން، ލަގޯސް، އަބޫޖާ އަދި ކަނޯ ހިމެނެ އެވެ.

މުޒާހަރާކުރި ފަރާތްތަކުން ގޮވާލީ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމަށެވެ.

ނައިޖީރިއާގެ ރައީސް ބޯލާ ޓިނުބު ވަނީ ޖޫން މަހު ތެލުގެ ސަބްސިޑީ ނެގުމަށް ނިންމާފަ އެވެ. މިކަމުގެ ސަބަބުން ތެލުގެ އަގު ތިން ގުނައަށް އިތުރުވެފައިވާ ކަމަށް ބުނެ އެވެ. އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް މުޒާހަރާކުރާ ފަރާތްތަކުން ބުނެ އެވެ.