މާލޭ ސިޓީ ކައުންސިލް

މާލޭގެ މަގުތައް ބެލެހެއްޓުމަށް މަގުފާރަވެރިން ނެރެފި

މާލެ ސިޓީގެ މަގުތައް ބެލެހެއްޓުން ވަރުގަދަކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން "ކޮމިއުނިޓީ އެންގޭޖްމަންޓް އޮފިސާސް" ނުވަތަ މާގުފާރަވެރިން މަގުމައްޗަށް ނެރެފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލްގައި ރޭ އޮތް ރަސްމިއްޔާތެއްގައި މަގުފާރަވެރިންގެ ޓީމު އިފްތިތާހުކޮށް އެ މީހުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މަގުފާރަވެރިން މިއަދު މާލޭގެ މަގުތަކަށް ނިކުމެފައިވާއިރު މި ޓީމު ބެލެހެއްޓުމުގައި އިސްކޮށް ހުންނަވާނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ އެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުމަށް ނެރެފައިވާ މަގުފާރަވެރިންގެ ޓީމުގައި ހިމެނެނީ 60 ފިރިހެނަކާއި 18 އަންހެނަކާ އެކު ޖުމްލަ 78 މީހުންނެވެ.

މިރަސްމިއްުޔާތުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގުފާރަވެރިން މަގުމައްޗަށް ނިކުތުމާއެކު މާލެ ސިޓީ ކައުންސިލްގެ ތަސައްވުރުގައި ހިމެނޭ "ޗާލު މާލެ ސިޓީ"ގެ މުހިއްމު މަސައްކަތެއް މުހިއްމު ބައެއް ހާސިލް ކުރެވިއްޖެ ކަމަށެވެ.

"މިކަން މިފެށީ ސަރުކާރުން ހަމަޖައްސައިދިން ބަޖެޓުގެ ތެރެއިން. މިކަން ކުރެވޭނެ ގޮތަށް މިކުރަނީ،" މޭޔަރު ވިދާޅުވި އެވެ.

މަގުފާރަވެރިންގެ މައިގަނޑު ޒިންމާ

  • މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން
  • މަގުތަކުގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން
  • އިމާރާތް ކުރާ ސައިޓްތަކުގައި ސަލާމަތީ ކަންކަން ހުރި ގޮތް ބެލުން
  • ކުންޏާއި ޕެލެޓް ފަދަ ތަކެތި މަގުމަތީގައި ބަހައްޓާތޯ ބެލުން
  • އިމާރާތްތަކުގެ އަސްކަނިން މީހުންގެ ބޮލަށް ފެން ފައިބާ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން

މާލޭގެ މަގުތައް ހަމައަކަށް އެޅުވުމަށް މީގެޒަމާންތަކެއް ކުރިން "ޓްރެފިކް ވޯޑުން" އަދި "ސުޕަވައިޒަރުން"ގެ ނަމުގައިވެސް މާލޭގައި ބަޔަކު މަސައްކަތް ކުރި އެވެ. މާލެ މުނިސިޕަލްޓީން މާލެ ބެލެހެއްޓިއިރު ޓްރެފިކް ވޯޑުންނާއި ސުޕަވައިޒަރުން ވަނީ ހަމައާއި އުސޫލުން ބޭރުން ކަންކަން ކުރާ މީހުން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅައިގެން މާލެ ހަމައަކަށް އަޅުވާފަ އެވެ.

މާލޭގެ މަގުމައްޗަށް މަގުފާރަވެރިން ނެރެފައިވާއިރު މާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ މަގު ކުނިކެހުމަށްވެސް މުވައްޒަފުންތަކެއް މަގުމައްޗަށް ނެރެފަ އެވެ.