ޖޭއެސްސީ

ފަސް ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފި

ފަސް ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ބޭފުޅުން އައްޔަން ކުރައްވާ މަގާމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އެ ކޮމިޝަނުން ފަސް ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމަށް ހުޅުވާލާ ކުރި އިއުލާނުތަކާއި ގުޅިގެން މި މަގާމުތަކަށް ކުރިމަތިލީ ބޭފުޅުންނާ ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީން އިންޓަވިއުކޮށްފައިވާ ކަމަށެވެ.

މި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.

އެގޮތުން ށ. ޖުޑީޝަލް ދާއިރާއަށް އައްޔަންކުރުމަށް ކޮމިޝަނުން ނިންމާފައިވަނީ މޭ 30، 2010ވަނަ ދުވަހު ފަނޑިޔާރު ކަމަށް ޢައްޔަންކުރެވުނު ށ.މިލަންދޫ، ކެތީހައުސް، ޙަސަން ޝިޔާމް އެވެ. ހަސަން ޝިޔާމް ހުންނެވީ ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ.

ނ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ނ. ޅޮހީ، ސަންޝައިން އަހުމަދު ހަސަން މަނިކު އެވެ. ފެބްރުއަރީ 13، 1996ވަނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އަހުމަދު ހަސަން، ނ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެވުނުއިރު ހުންނެވީ ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ.

ބ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ޖޭއެސްސީން އައްޔަން ކުރެއްވީ ބ. މާޅޮސް، ނަފާޕެލަސް، އަބްދުއްރަޝީދު ޔޫސުފް އެވެ. އަބްދުއްރަޝީދު ޔޫސުފަކީ 1995 އިން 1998 އަށް ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު ވަކިވެވަޑައިގަތުމަށްފަހު ޖެނުއަރީ އަށެއް، 2013 ވަނަ ދުވަހު އަލުން ފަނޑިޔާރު ކަމަށް އައްޔަން ކުރެވިފައިވާ ބޭފުޅެކެވެ. އަބްދުއްރަޝީދު ޔޫސުފު މިހާތަނަށް ހުންނެވީ ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ.

ޖޭއެސްސީން ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ހުންނެވި ބ. ކިހާދޫ، ގާޑެނިޔާވިލާ، އަލީ ނަސީރެވެ. އަލީ ނަސީރަކީ އޮކްޓޫބަރު ނުވައެއް، 1994 ވަނަ ދުވަހު ފަނޑިޔާރުކަމަށް އައްޔަން ކުރެވިފައިވާ ބޭފުޅެކެވެ.

މ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ޖޭއެސްސީން އައްޔަން ކުރައްވާފައިވަނީ މ. ކޮޅުފުށި، ލިލީމާގެ، އަޙްމަދު ނަޖީބެވެ. އަހުމަދު ނަޖީބު ހުންނެވީ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގަ އެވެ. އަހުމަދު ނަޖީބު ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މާޗް 23، 2003 ވަނަ ދުވަހު އެވެ.