ދުނިޔެ

އީލޮން މަސްކް ފަރަންސޭސި ރައީސާ ބައްދަލުކުރައްވައިފި

ޓެސްލާގެ ވެރިޔާ އަދި އެމެރިކާގެ ބިލިއަނަރު އީލޮން މަސްކް ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވައިފި އެވެ. މި ދެ ބޭފުޅުން ބައްދަލުކުރެއްވީ ފަރަންސޭސި ރިޔާސީ ގަނޑުވަރު، އެލީސީ ޕެލަސްގަ އެވެ.

އީލޮން މަސްކް ފްރާންސަށް ވަޑައިގެން މި އުޅުއްވަނީ -- ފްރާންސްގައި އިންވެސްޓްކުރުމަށް މެކްރޮގެ ސަރުކާރުން ހުޅުވާލީ ފުރުސަތުގައި، އެ ގައުމުގެ ވިޔަފާރިވެރިންނާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރެއްވުމަށެވެ.

ޚަބަރުތައް ބުނާ ގޮތުން ފްރާންސްގައި ބިޔަ އަދަދެއް އިންވެސްޓްކުރައްވާނެ ކަމަށް އީލޮން މަސްކް ވިދާޅުވި އެވެ. އެކަމަކު އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

ފްރާންސަކީ އިންވެސްޓްކުރަން ފަސޭހަ ގައުމެއް ކަމަށްވެސް މަސްކް ވިދާޅުވި އެވެ. ވިޔަފާރިވެރިންނާ މެދު ފްރާންސުން ގެންގުޅޭ ގަވާއިދުތައް ޓެސްލާއަށް ކަމުދާ ކަމަށްވެ އެވެ.

މެކްރޮންއާ ބައްދަލު ކުރެއްވުމަށް މަސްކް ވަޑައިގަތީ ވެސް ޓެސްލާގެ ކަރަންޓް -- ބެޓެރީން ދުއްވާ ކާރެއްގަ އެވެ.

މި ބައްދަލުވުމަށް ފަހު މަސްކް ވިދާޅުވީ ފްރާންސްގައި ކަރަންޓް ކާރު އުފެއްދުމާ ބެހޭ ގޮތުން މެރޮންއާ އެކު މަޝްވަރާކުރެވުނު ކަމަށެވެ. އަދި ޓެސްލާގެ ވިޔަފާރިތައް ފްރާންސަށް އެތެރެވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިލޮން މަސްކް އަކީ ޔޫރަޕްގެ ސިޔާސީ ލީޑަރުންގެ މެދުގައި މަގުބޫލު ވިޔަފާރިވެރިއެއް ނޫނެވެ. މައިގަނޑު ސަބަބަކީ މަސްކްގެ ބަހުރުވަ ހުންނަ ގޮތާއި ވިޔަފާރީގައި ގެންގުޅުއްވާ އާދަތަކެވެ.

މުނާސަބު ނޫން ވަގުތު ތަކުގައި މުނާސަބު ނޫން ބަހުރުވައިން ލީޑަރުންނާ މުޚާތަބު ކުރެއްވުމަކީ މަސްކްގެ ވަރަށް ބޮޑު އާދައެކެވެ.

މެކްރޮންއާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ފްރާންސަކީ އިންވެސްޓަރުންނާ ރަހުމަތްތެރި ގައުމަކަށް ހައްދަވާނެ އެވެ. އަދި ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ބޭރު ގައުމުތަކުގެ ވިޔަފާރިވެރިންނަށް ފްރާންސްގައި އިންވެސްޓް ކުރުމަށް މަގުފަހިކޮށްދެއްވާނެ އެވެ.