އެމްއާރުއެމް

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގައި އެމްއާރްއެމް ބައިވެރިނުވާނެ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއްގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ -- މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ބައިވެރިނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑު ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ޕާޓީތަކާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ޓީމުގެ ބޭފުޅުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ނަމުގައި އެ ޕާޓީގެ ނައިބް ރައީސް އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެން ވާހަކަވެސް ދެއްކެވި އެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދުގައި ހިމެނެނީ ވެސް މެއި ތިންވަނަ ދުވަހު އޮތް ނޫސްވެރިންނާ ބައްދަލުކުރި ޕާޓީތަކާއި ވަކިވަކި ސިޔާސީ ލީޑަރުންނެވެ.

ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު ރަސްމީކޮށް އުފައްދައި އެ އިއްތިހާދުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އޮތީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު އެމްއާރްއެމްގެ އެއްވެސް ބޭފުޅަކު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެ އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އަލީމު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑު ސަރަހައްދު ބެހުމުގައި ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑަށް އެމްއާރްއެމް ތާއީދު ނުކުރާ ކަމަށެވެ.

އަލީމު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކަންބޮޑުވާ ފަރާތްތަކުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމް އިން ބައިވެރިވީ އެ ޕާޓީން ދެކޭ ގޮތް ހާމަކުރުމަށް ކަމަށެވެ. އެއީ ސަރުކާރާ ދެކޮޅު ބައެއްގެ ހަރަކާތެއްގައި ބައިވެރިވުން ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި އޭގެފަހުން މިއައީ 'ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު' ރަސްމީކޮށް އުފެދިގެން. އެ އިއްތިހާދުގައި އަޅުގަނޑުމެން އެއްވެސް ސިފައެއްގައި ބައިވެރިވެފައެއް ނުވާނެ. އަޅުގަނޑުމެން އަދިވެސް މިތިބީ ސަރުކާރުގައި. ހިޔާލުތަފާތުވުން އޮތް ޗާގޮސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑާ މެދު،" އަލީމު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލު ތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ލިބޭ ގޮތަށެވެ. އެގޮތުން ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ. އިޓްލޮސް އިން މައްސަލަ ނިންމާފައިވާ ގޮތުން ރާއްޖޭގެ ދެކުނުން 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ކަށަވަރުވާނެ އެވެ. މޮރިޝަސް އަށް ލިބޭނީ 45،331 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ މައްސަލަ ޖެހިގެން އުޅޭ 95،000 އަކަކިލޯމީޓަރު ބަހާލި ގޮތެވެ.